10 Mar 2016, 14:14
އިޓަލީގެ ކުރީގެ މިޑްފިލްޑަރު ގަޓޫސޯ މެންޗަސްޓާ ޔުނައިޓެޑްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޕިސާ އެފްސީ ކޯޗުގެ މަގާމުގައި ހުރި ގަޓޫސޯ ބުނީ އޭނާ އަކީ އަބަދު ވެސް އިނގިރޭސި ފުޓްބޯޅަ އަށް ލޯބި ކުރާ މީހެއް ކަމަށާއި އެއީ މުވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ލީގް ކަމަށެވެ.
"ފާގަސަން އަބަދު ވެސް އަހަރެންނަށް އިހްތިރާމް ކުރާނެ. މާދަމާ ވެސް އަހަރެންނަށް ޔުނައިޓެޑްގެ ކޯޗުކަން ލިބެއްޖި ނަމަ މިހުރީ ދާން ތައްޔާރަށް. އެ ކުލަބަށް އެބަ ބޭނުންވޭ ބަދަލެއް،" ގަޓޫސޯ ބުންޏެވެ.
ގަޓޫސޯ ބުނީ އިޓަލީގައި ތިބީ ފުޓްބޯޅައިގެ މޮޅެތި ކޯޗުންނާއި އެކަމުގެ މާހިރުން ކަމަށާއި ނަމަވެސް އެއާ ޚިލާފަށް އިންގްލޭންޑްގައި ވަރުގަދަ ލީގެކާ އެކު މޮޅެތި ކުޅުންތެރިންތަކެއް ތިބި ކަމަށެވެ.
"އަހަރެން ވަރަށް ހާއްސަ ކަމެއްދީގެން ޕްރިމިއާ ލީގްގެ މެޗުތަށް ބަލަން. ވަގުތުން ނުބެލޭ މެޗުތައް ރެކޯޑް ކޮށްގެން ވެސް ބަލަން. އާންމް ކޮށް ދެ މެޗު ރެއްގެ މައްޗަށް ރިކޯޑް ކުރަން،" ގަޓޫސޯ ބުންޏެވެ.
އުމުރުން 38 އަހަރުގެ ގަޓޫސޯ ވަނީ މީގެ ކުރިން އޭސީ މިލާންގައި ހޭދަ ކުރި 13 އަހަރު ތެރޭގައި ދެ ފަހަރު އިޓަލީ ލީގް އާއި ޗެމްޕިއަންސް ލީގް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި 2006 ވަނަ އަހަރު އިޓަލީން ވޯލްޑްކަޕް އުފުލާލި އިރު އެޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިހާތަނަށް ހަތަރު ކުލަބެއްގެ ކޯޗުކަން ކޮށްފައިވާ ގަޓޫސޯ އަށް އަދި ވަނީ ކޯޗިންގެ ދާއިރާއިން ރަނގަޅު ކާމިޔާބީއެއް ލިބޭގޮތް ނުވެފަ އެވެ.