26 Apr 2011, 16:30
ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނޫނީ ބިޒްނަސް ޕްރޮފިޓް ޓެކްސް އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާގޮތަށް މޯލްޑިވްސް އިންލޭން ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.
މީރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނަށް ޖުލައި 18 ގައި އަމަލުކުރަން ފަށާއިރު އެ ގާނޫނުގެ ދަށުން ނަގަންޖެހޭ ޓެކްސް އެ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށެވެ. އަދި އެ ގާނޫނުގައި ޓެކްސްގެ އަހަރަކީ ޖެނުއަރީ އެކަކުން ފެށިގެން ޑިސެމްބަރު 31 ކަމަށް ކަނޑައަޅައިފައި އޮތް ނަމަވެސް، ފުރަތަމަ ޓެކްސްގެ އަހަރުގެ ގޮތުގައި ޖުލައި 18، 2011 އިން ޑިސެމްބަރު 31، 2011 ހަމަޖައްސައިފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.
މީރާ އިން ބުނީ، މިގޮތަށް ނިންމައިފައި ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ދިން ލަފާގެ މަތިން ކަމަށެވެ.
"މިގޮތަށް ލަފާދެއްވައިފައި ވަނީ އެ ގާނޫނުގެ 41 ވަނަ މާއްދާގައި އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ނުވަތަ އެއަށް ފަހު ފެށޭ ޓެކްސް އަހަރުތަކުގައި އެ ގާނުނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޓެކްސް ނެގޭނެ ކަމަށް ބަޔާންކޮށްފައިވާތީ އާއި، ރައްޔިތުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ބަޖެޓް ފާސްކުރައްވައިފައި ވަނީ، މި އަހަރުގެ ތެރޭގައި ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރަން ފެށި، ދައުލަތުގެ އާމްދަނީގެ ގޮތުގައި އެ ގާނޫނުގެ ދަށުން ޓެކްސް ނެގޭނެ ކަމަށް ބައްލަވައިގެން ކަމަށްވާތީ މިކަންކަމަށް ރިއާޔަތްކުރައްވައިފަ އެވެ،" މީރާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީރާ އިން ބުނީ ކުންފުނި، ޕާޓްނަޝިޕް ނުވަތަ އެނޫން ވެސް އެއްވެސް ގާނޫނެއްގެ ދަށުން ހިސާބު ތައްޔާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު ޖުލައި 18 އިން ޑިސެމްބަރު 13 ގެ ތެރޭގައި ނިމޭނަމަ، 18 ޖުލައި އިން ފެށިގެން އެ ފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް އެ ފަރާތެއްގެ ބިނާ ކުރެވޭ ޓެކްސްގެ އަދަދު އަދުލުވެރި ގޮތަކަށް ލަފާކުރުމަށް ފަހު އެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއް ޖުލައި 31، 2011 ގައި މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.
އަދި ވިޔަފާރިކުރާ ވަކި ފަރުދުން ވެސް ލަފާކުރެވޭ ޓެކްސްގެ އަދަދުގެ ދެބައިކުޅަ އެއްބައި ޖުލައި 31ގެ ކުރިން މީރާ އަށް ދައްކަން ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އަދި އެ އިދާރާގައި މިހާތަނަށް އައިއިރު ރަޖިސްޓްރީ ނުވާ ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކުން މެއި 13، 2011 ގެ ނިޔަލަށް ރަޖިސްޓްރީކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަހަރުގެ ޖެނުއަރީ މަހު ރައީސް މުހައްމަދު ނަޝީދު ތަސްދީގުކުރެއްވި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނުގައިވާ ގޮތުން، ޓެކްސް ބިނާ ކުރެވޭ ފައިދާ 500،000ރ. އަށް ވުރެ އާމްދަނީ އިތުރުވާ ނަމަ، އިތުރުވާ އަދަދުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ. ނަމަވެސް، ބައެއް އިސްތިސްނާ ހާލަތުތައް ވެސް ހިމެނެ އެވެ.