10 Mar 2016, 12:33
ހއ. ބާރަށުގެ ހަ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއެކު ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ސިހުރު ހާހޫރަ ހަދަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށުން ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެއްގެ އިތުރުން 51 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި އެމީހުން ދިރިއުޅޭ ގެއިން ކަމަށެވެ.

ހއ.ބާރަށުން ހޯދި ސިހުރު ހާހޫރާ ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތައް -- ފޮޓޯ: ޕޮލިސް
އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ދިރިއުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު އެގެތަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކާއި ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަސް ވަނީ ދީފަ އެވެ.