ޗައިނާ އާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

"ޗައިނާ ސައުތު އޭޝީއާ އެކްސްޕޯ" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހޮޓެލްޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެގްރިމެންޓެއްގައި ރާއްޖެ އާއި ޗައިނާއާ މެދު މި އަހަރު ތެރޭގައި ސޮއިކުރާ އިރު މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިވެހި ރާއްޖެ ފަދަ ވަރަށް ކުޑަކުޑަ ބާޒާރަކާއި ދުނިޔޭގައި އެންމެ ބޮޑު ކޮންސިއުމާ މާކެޓާއި ލިންކް މިވަނީ ވާއިރުގައި އަޅުގަނޑުމެންނަށް މިހާރު ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވިޔަފާރި ކުރަށްވާ ފަރާތްތަކާއި އެކްސްޕޯޓް ކުރައްވާ ފަރާތްތަކުގެ މައުލޫމާތަށް ޓަކައި އަޅުގަނޑު ހާމަކޮށްލަން ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ތެރޭގައި އެއެއްބަސްވުމުގައި ސޮއިކުރެވޭ އިރު މަހާއި މަހުގެ ބާވަތްތައް ޗައިނާގެ މާކެޓަށް އެކްސްޕޯޓް ކުރާ އިރު "ޓެރިފެއް" ނެތި އެތެރެކުރުމަކީ ރައީސްގެ އަމާޒު ކަމަށްވާ އިރު އެކަމަށް ބޮޑެތި ކުރިއެރުނަތަކެއް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާ އަށް ތަކެތި އެތެރެކުރާ އިރު ދިމާވާ ކޮންޖެހުންތަކަށް ޗައިނާ ރައްޔިތަކަށް ލިބޭ ހިދުމަތް ދިވެހިންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއެކްސްޕޯއަށް އަލިއަޅުވާލައި މިނިސްޓަރު ވިދާޅުވީ މިއީ ވިޔަފާރިވެރިންނަށާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލިބިގެންދާ ބޮޑު ފުރުސަތެއް ކަމަށެވެ.