އިންޓަނެޓް ކަނެކްޓިވިޓީ އާއި ނެޓްވޯކުގެ ފެންވަރު މަތިކޮށް، ތަފާތު ހިދުމަތްތަކެއް ތައާރަފު ކުރުމަށް "ސްމާޓް ޕްރޮޖެކްޓް"ގެ ނަމުގައި ރާއްޖެ އޮންލައިން (އާރުއޯއެލް) އިން މަޝްރޫއުއެއްގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްމާޓް ޕްރޮޖެކްޓުގެ ދަށުން ގިގާބައިޓުގެ ސްޕީޑުގައި ކަނެކްޓީވިޓީގެ ހިދުމަތް ލިއްބައިދޭނެ ޒަމާނީ ފެންވަރުގެ ފައިބާ ވިއުގައެއް ގާއިމު ކުރާނެ ކަމަށެވެ.

ހަމައެއާ އެކު، ޒަމާނީ ފެންވަރުގެ "ޖީޕޮން ރެޒިޑެންޝަލް ފައިބާ ޑިވައިސް" - "ގިގަ ސެންޓާސް" މެދުވެރިކޮށް ތަންފީޒު ކުރެވޭ ކަނެކްޓިވިޓީ ވިއުގަ ގުޅުވާލައި ކަސްޓަމާ ޕްރެމިސް ޑިވައިސްތަކަކީ ތަފާތު ހިދުމަތްތަކަށް ބޭނުން ކުރެވޭނެ އިންގިލާބަކަށް ވެގެންދާނެ ކަމަށް ވެސް އާރުއޯއެލް އިން ބުނެ އެވެ.

އާރުއޯއެލް އިން އަލަށް ތައާރްފުކުރާ ހިދުމަތްތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ނަގީތު އަބްދުﷲ ސަން އަށް ވިދާޅުވީ، އެ ކުންފުނީގެ އާ ފައިބާ ވިއުގަ އަކީ ހުރިހާ ގޮތަކުން ވެސް ޒަމާނަށް ފެތޭ، އިންޓަނެޓް ހިދުމަތުގެ މުސްތަގުބަލަށް ރިއާޔަތް ކޮށްގެން ތައާރަފު ކުރެވޭ ވިއުގަ އަކަށް ވާނެ ކަމަށެވެ.

އަލަށް ތައާރަފު ކުރާ ވިއުގައިގައި ހާއްސަ ތިން ސިފައެއް ހުންނާނެ ކަމަށް އާރުއޯއެލް އިން ބުނެ އެވެ.

- ބޭނުން ކުރުމަށާއި އިންސްޓޯލް ކުރުމަށް ފަސޭހަވުން

- ދެވަނައެއް ނެތް "ސްމާޓް ހޯމް ޕްލެޓްފޯމް" އަކަށްވުން

- ގިގަބައިޓް ވިއުގައަށް ފަހި މާހައުލަކަށް ވުން

އާރުއޯއެލް އިން ބުނީ އެފަދަ ވިއުގައެއްގެ މަގުސަދަކީ ހިދުމަތް ހޯދާ ފަރާތްތައް ޒަމާނީ ފައިބާ ވިއުގަ އަކަށް ބަދަލުކުރުން ކަމަށެވެ.

މާލެއަށް އިންޓަނެޓް ހިދުމަތް ދިނުމަށް ރާއްޖެ އޮންލައިނުން ބޭނުން ކުރާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، ނެޓްވޯކްގެ ފެންވަރު މަތިކުރުމާ ބެހޭ ގޮތުން ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ކަންކަން ދެނެގަތުމަށް ޓަކައި އެ ކުންފުނިން އަންނަނީ ދޮރުން ދޮރަށް ކެމްޕޭނެއް ވެސް ހިންގަމުންނެވެ.މީގެ އިތުރުން އިންޓަނެޓް ކަނެކްޓިވިޓީ އާއި ރާއްޖެ އޮންލައިނުން ގޭގެއަށް ގޮސް ސާވޭ އެއް ދަނީ ކުރަމުންނެވެ.