10 Mar 2016, 12:38
ސައޮ ޕައުލޯ (މާޗް 10): ބްރެޒިލްގެ ގުވަރުޖާ ސިޓީގެ ޕެންޓްހައުސްއެއްގެ މިލްކުވެރިކަން ފޮރުވިކަމުގެ ތުހުމަތުގައި އެ ގައުމުގެ ކުރީގެ ރައީސް، ލޫލާ ޑި ސިލްވާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފި އެވެ.
އޯއޭއެސް ނަމަކަށް ކިޔާ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ނިސްބަތްވާ އެޕެންޓްހައުސްއަކީ ސިލްވާގެ ޕެންޓްހައުސްއެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޯއޭއެސް އަކީ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ.
ސިލްވާއާ ދެކޮޅަށް އިއްޔެ ޕްރޮސިކިއުޓަރުން ކޮށްފައިވާ ދައުވާ ކޯޓުން އަދި ގަބޫލުކޮށްފައެއްނުވެ އެވެ.
އެމައްސަލައާ ގުޅިގެން ސިލްވާ ވިދާޅުވީ، މައްސަލަ ތަހުގީގު ކޮށްފައި ވަނީ "ވަކިކޮޅަކަށް ބުރަވެގެން" ތިބެ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.
ބްރެޒިލްގެ ޕްރޮސިކިއުޓަރުން ސިލްވާއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ފުލުހުން އޭނާއާ ސުވާލުކޮށް އޭނާގެ ގެ ބަލައި ފާސްކުރިތާ ފަސް ދުވަސް ފަހުންނެވެ. (އޭޕީ)