(7 މާރޗްގެ އަދަދާގުޅޭ)

މާގިނަދުވަސްތަކެއްނުވެ މަދީނާގައި އިސްލާމްދީން ފެތުރެންފަށައިފިއެވެ. މުސްލިމުންނަށް އަމާންކަމުގެ ގޮވައްޗަކާއި ނަސުރު ދެއްވާނެ އަޚުންތަކެއް ލިބިއްޖެއެވެ. އަނިޔާލިބެމުންދިޔަ ބައެއް މުސްލިމުން މަދީނާއަށް ހިޖްރަޔަށްދާން ޤަޞްދުކޮށްފިއެވެ.

މަދީނާއަށް ހިޖްރަކުރެއްވުން

أبوسلمةމަދީނާއަށް ހިޖްރަކުރައްވަން ޤަޞްދުކުރެއްވީ ކައުސާހިބާمحمّد صلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަކުރެއްވުމުގެ އަހަރެއް ދޮޅުއަހަރެއްހައިދުވަސް ކުރީންނެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައިއޮތީ ސަވާރުވެވަޑައިގަންނަވާނެ އެންމެ ޖަމަލުކޮޅެކެވެ. އެހެންކަމުން އެ ޖަމަލުކޮޅަށް އެކަލޭގެފާނުގެ އަނބިކަނބަލުންأمّ سلمةއާއި ތުއްޕުޅު ދެބޭފުޅުން (ބައެއް ރިވާޔަތްތަކުގައިވާގޮތުން ތުއްޕުޅު ދަރިކަލުންسلمة) ލައްވައިގެން ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ފައިމަގުގައި ދަތުރުފުޅު ފެއްޓެވިއެވެ.أمّ سلمةގެ ތިމާގެފުޅު މީހުންނަށް (ބަނުލްމުޣީރަތު) އެ ޚަބަރު ލިބުމާއެކު އެބައިމީހުން ދުވެފައިއައިސްأبوسلمةގެ ޖަމަލުކޮޅު ވަށައިލިއެވެ. އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނު ވަޑައިގަންނަވާނެ ދިމާޔަކަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނު އެއްދުވަހު ޙަބަޝާއަށް އަނެއްދުވަހަކު އަނެއްތަނަކަށް ވަޑައިގަންނަވާއިރު، ބޭނުންފުޅުހައިތަނަކަށް އަޅުގަނޑުމެންގެ މިއަންހެންކުއްޖާއެއް ނުގެންދެވޭނެއެވެ." އެހެންކިޔައިފައި އެމީހުންأبوسلمةގެ އަތްޕުޅުން ޖަމަލުކޮޅުގެ ލަގަން ފިރުކައިގަތެވެ. ގަދަކަމުން އެބައިމީހުނާއެކުأمّ سلمةގެންގޮސްފިއެވެ. އެހައިތަނުންأبوسلمةގެ ތިމާގެފުޅު މީހުންނަށް (ބަނޫޢަބްދުލްއަސަދު) އެޚަބަރު ލިބިގެން ދުވެފައި އަތުވެއްޖެއެވެ. އެބައިމީހުންأمّ سلمةގެ އަތްޕުޅުން އެކަމަނާގެ ތުއްޕުޅު ބޭފުޅުން ފޭރިގަތެވެ. ބަނުލްމުޣީރަތާ ދިމާޔަށް އެމީހުން ބުންޏެވެ. ތިޔަބައިމީހުން އަހަރެމެންގެ މީހާގެ އަތުން ތިޔަބައިމީހުންގެ އަންހެންކުއްޖާ ފޭރިގެންފީމުއެވެ. އެހެންވީއިރު އަހަރެމެންގެ ކުދިން ތިޔަބައިމީހުންނަށް ދޫކުރާންވީ ކީއްކުރަންހެއްޔެވެ؟ މިއަރައިރުމުގައި ދެފަރާތުން ގަދަބަދަވިކަން ދައްކައި ދަމައި ފިރުކައި ހެދުމުގެ ތެރޭގައި ތުއްޕުޅުسلمةގެ އަތްޕުޅު ހުޅުންނެއްޓިއްޖެއެވެ.علامة بلاذرىލިޔުއްވައިފައިވާ ގޮތުގައި އެކަލޭގެފާނު އަވަހާރަވަންދެންވެސް އެއަތްޕުޅު ރަނގަޅެއްނުވެއެވެ.

އެއީ ވަރަށްވެސް ހިތާމަވެރި، ހިތްދަތި މަންޒަރެކެވެ. ނަމަވެސްأبوسلمة رضى اللّـه عنــهހިތްވަރުފުޅުގަދަކުރައްވައި މާތްاللّـهއަށް ވަކީލުކުރައްވައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންވީ ބަނުލްމުޣީރަތުގެ މީހުންގެ ގާތުގައެވެ. ތުއްޕުޅު ބޭފުޅުން ބަނޫ އަސަދުގެ މީހުންގެ ގާތުގައެވެ. މާތްاللّـهގެ ދީނަށްޓަކައި އެކަލޭގެފާނު އަނބިކަނބަލުންނާއި، ތުއްޕުޅު ބޭފުޅުން ވަކިވަކިވެ އެބޭފުޅުން ތިއްބެވީ ތިންދިމާއެއްގައެވެ. ވަކިވަކިވެވަޑައިގަތުމުގެ މުޞީބާތްތައް ބަދުރާސްކުރެއްވުމުގައެވެ.

السّيّدة أمّ سلمة رضى اللّـه عنــهاއަށް ފިރިކަލުންނާއި ބޭފުޅުންނާ ވަކިވެވަޑައިގަތުމުގެ ހިތާމަފުޅު ވަރަށްބޮޑުވިއެވެ. އެކަމަނާ ކޮންމެދުވަހަކު ހެނދުނު ގެއިން ނިކުމެވަޑައިގެން ދުވާލުގެ ހަތަރުދަން ހޭދަކުރައްވަމުންގެންދެވީ މައްކާގެ ފަރުބަދައެއްކަމުގައިވާ އަބްޠަޙްގައި އިންނަވައި ކީރިތިކުރެއްވުމުގައެވެ. ކަރުނަފޮދުގެ ވާރޭ އޮއްސެވުމުގައެވެ.

السّيّدة أمّ سلمة رضى اللّـه عنــهاރިވާކުރައްވައިފައިވެއެވެ. "އެގޮތުގައި އެތައްދުވަހެއްވީފަހުން އެއްދުވަހަކު އަހަރެން އެތާނގައި ރޯންއިންދައި ބަނުލްމުޣީރަތުން އަހަރެންގެ ދެބޭންގެދެދަރި މީހަކަށް އެތަނަށް އާދެވިއްޖެއެވެ. އޭނާއަކީ އަހަރެމެންގެ ޢާއިލާގެ (މަޚްޒޫމްވަންހައިގެ) ބަސްވިކޭ މެމްބަރެކެވެ. އޭނާއަށް އަހަރެންގެ ޙާލު ފެނިފައި އޭނާގެ ހިތަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އޭނާ އަހަރެންގެ ގާތަށްއައިސް ބުންޏެވެ.

އޭزاد الرّكبގެ ދަރިފުޅާއެވެ! ކަމަނާގެ އަމިއްލަ ނަފުސަށް ޖައްސައިފައި ތިޔަވަނީ ކޮންފަދަ ޙާލެއް ހެއްޔެވެ؟ އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އަހަރެންގެ ޢާއިލާގެ މީހުން އަހަންނާއި އަހަރެންގެ ފިރިކަލުންނާއި ކުދީންނާ ވަކިކުރިގޮތުގެ ވާހަކަ ބަޔާންކުރީމެވެ. އޭނާ އެނބުރިގޮސް ބަނުލްމުޣީރަތާއި ބަނޫޢަބްދުލްއަސަދުގެ ޒިންމާދާރު އިސްމީހުނާ ވާހަކަ ދެއްކިއެވެ. އޭނާ އެމީހުނާ ދިމާޔަށް ބުންޏެވެ.

އޭ މިތިބަ ހިތެއްފިތެއްނެތް އަނިޔާވެރީންނޭވެ! އެނިކަމެތި އަންހެންކުއްޖާއާމެދު ތިޔަބައިމީހުންގެ ހިތްތަކުގައި ކުޑަކޮށްވެސް ރަޙްމެއް ހަމްދަރުދީއެއް ނުއުފެދެނީހެއްޔެވެ؟ ތިޔަބައިމީހުންގެ ހިތްތައް ހަރު ހިލަޔަށްވީހެއްޔެވެ؟ އޭނާ ހިތާމައިގެ ހިތިކަރުނަ އޮހޮރާތާ ކިހައިދުވަހެއް ވެއްޖެހެއްޔެވެ؟ ބަލަގަ އެއީ ހަމަ އަހަރެމެންގެ ލެޔެވެ. ތިޔަބައިމީހުން ކުޑަކޮށް ލަދުވެތިކަން އިޙްސާސްކޮށްބަލާށެވެ. ސިކުނޑީގެ ބޭނުން ކޮށްބަލާށެވެ. އޭނާގެ ފިރިމީހާއާއި ދަރީންނާ ވަކިކޮށް އެކަމުގެ ހިތާމައިގައި ރޮއްވާނީ ކިހައިދުވަހެއް ވަންދެންހެއްޔެވެ؟ ތިޔަބައިމީހުން ފެންގަނޑަކަށް ގެނބިގެން މަރުވުންވެސް މާރީއްޗެވެ. އަހަރެމެންގެ ޢާއިލާގެ މާތްކަމާއި ޝަރަފާ މިއަނިޔާވެރިކަމާ ގުޅެނީ ކިހިނަކުންހެއްޔެވެ؟

އޭނާ ހަމްދަރުދީގެ ޖަޒުބާތުގައި ޢާއިލާގެ މެމްބަރުންނާ އެގޮތަށް ވާހަކަދެއްކުމުން އެންމެންނަށް އިސްދަށަށް ޖަހައިލެވުނެވެ. އެބައިމީހުންގެ ހަރުކަށިކަން ދޫކޮށްލިއެވެ. އަހަރެންގެ ކުދީން އަހަންނަށް ދީފިއެވެ. މަދީނާއަށް ދާންވެސް އަމުރުދީފިއެވެ. އެކަމަކު އެކަކުވެސް އަހަންނާއެކު މަދީނާއަށް ގޮސްދޭކަށެއް އެއްބަހެއް ނުވިއެވެ. އަހަރެންގެ ކުދީންކޮޅު އަނބުރާ ލިބުމުން ހިތާމައިގެ ވިލާތައް ކެހިގެން ހިނގައްޖެއެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަހަރެން އަޅާވެސްނުލައި ޖަމަލަށް ސަވާރުވެގެން ކުދީން ގޮވައިގެން މަދީނާއަށްދާން ދަތުރު ފަށައިފީމެވެ. ހަމައެކަނިاللّـه سبحانه وتعالىއަށް ބަރޯސާކޮށްގެންނެވެ.

މައްކާގެ ބޭރަށް ނިކުމެ ތަންޢީމާ ހަމަޔަށް ދެވުނުތަނާ ގެފުޅުގެ ތަޅުދަނޑިފުޅުގެ ވެރިޔާعثمان بن طلحة العبدرىއާ ބައްދަލުވެއްޖެއެވެ. އޭރު އޭނާ އިސްލާމްދީން ޤަބޫލެއް ނުކުރައްވައެވެ. އޭނާއާ އަހަރެންގެ ފިރިކަލުންأبو سلمةއަކީ ވަރަށް ގާތް ދެރަޙްމަތްތެރީންނެވެ. އިސްލާމްދީން ޤަބޫލު ނުކުރެއްވި ކަމުގައިވިޔަސް،عثمانއަކީ ވަރަށް ހިތްޕުޅުހެޔޮ އޯގާވެރި ބޭކަލެކެވެ. ޢިއްފަތްތެރި މާތް ބޭކަލެކެވެ.

عثمان بن طلحةއިސްލާމްވެވަޑައިގެންނެވިކަމުގައި ބައެއް ރިވާޔަތްތަކުގައިވަނީ ޞުލްޙުލްޙުދައިބިއްޔާގެ ދުވަސްވަރުއެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން މައްކާ ފަތަޙަކުރެއްވި ދުވަހުއެވެ.

السّيّدة أمّ سلمةތުއްޕުޅު ބޭފުޅަކު ގޮވައިގެން ގިނިކަންޏާ ދަތުރުކުރައްވާ މަންޒަރު ފެނިވަޑައިގަތުމުން،عثمانގެ ހިތްޕުޅު އެކަލޭގެފާނަށް ދެންނެވިއެވެ. "އޭعثمانއެވެ!މައްކާގެ ޤުރައިޝުވަންހައިގެ އަންހެނަކު، ކުޑަކުއްޖަކު ގޮވައިގެން އެކަނިމާއެކަނި ދަތުރުކުރާތަން ފެނިފައި އެހީނުވުމަކީ ފިރިހެންވަންތަ ކަމެއްނޫނެވެ."عثمانވަޑައިގެންالسّيّدة أمّ سلمةއާ ސުވާލު ކުރެއްވިއެވެ. ގިނިކަންޏާ ކޮށްދަތުރުފުޅެއްތޯއެވެ؟ ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ.أمّ سلمةވިދާޅުވިއެވެ. "އަޅުގަނޑުގެ ފިރިކަލުންأبو سلمةގެ އަރިހަށް މަދީނަތުލްމުނައްވަރާއަށެވެ."عثمانސުވާލުކުރެއްވިއެވެ. "ކަމަނާގެ އަރިހުގައި އެއްވެސް ފިރިހެނަކު ނުދޭތޯއެވެ؟"أمّ سلمةވިދާޅުވިއެވެ."އާދޭހެވެ. އަޅުގަނޑު މިދަނީ މާތްاللّـهގެ ޙަޟްރަތުން ވާގިއެދިގެންނެވެ. އަޅުގަނޑަށް ޙިމާޔަތްދެއްވައި ނަޞްރުދެއްވާނީ އެކަލާނގެއެވެ."عثمانވިދާޅުވިއެވެ.ހަމަހިލާ ކަމަނާއަށް ގިނިކަންޏާ ތިޔަގޮތަކަށް ވަޑައެއްނުގެންނެވޭނެއެވެ. އެހެންވިދާޅުވެފައިعثمانވަޑައިގެންأمّ سلمةގެ ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން އެކަމަނާގެ އަރިހުގައި ދަތުރު ފައްޓަވައިފިއެވެ. ތަނަކަށް މަންޒިލުކުރައްވާނަމަ ޖަމަލު ތިރިކުރައްވައިފައިأمّ سلمةފައިބައިވަޑައިގަންނަވަންދެން އެކަލޭގެފާނު ހުންނަވަނީ އެއްފަރާތަކަށްޖެހި ނިވާވެވަޑައިގެންނެވެ. ދަތުރު ފައްޓަވާންވުމުންވެސް ޖަމަލު ތިރިކުރައްވައި އެކަމަނާ ސަވާރުވެވަޑައިގަންނަވަންދެންعثمانހުންނަވަނީ ދުރަށްވަޑައިގެން ފުރަގަސްދެއްވައިގެންނެވެ. އެގޮތުގައި ދަތުރުކުރައްވައިأمّ سلمةގެ ތިންމައިކަނބަލުންނަށް ޤުބާއަށް ވަޑައިގެންނެވިއްޖެއެވެ.عثمان، أمّ سلمةއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަމަނާގެ ފިރިކަލުންވީ މިރަށުގައެވެ. މާތްاللّـهގެ ބަރަކާތާއެކު ވަޑައިގަންނަވާށެވެ. އަޅުގަނޑު އެނބުރި މައްކާއަށް ދަނީއެވެ."عثمان بن طلحتއެހިސާބުން އެނބުރި މައްކާއަށް ވަޑައިގަތީއެވެ.السّيّدة أم سلمة، عثمانގެ މާތްކަމާއި، ހެޔޮފުޅުކަން އަބަދުވެސް ހަނދުމަފުޅު ބެހެއްޓެވިއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. "އަހަރެންعثمان بن طلحتއަށްވުރެ އެހީތެރި އެއަށްވުރެ ހެޔޮލަފާ ޞާލިޙު މީހަކު ދެކެފައެއް ނުވެއެވެ."

علامة إبن الأثير رحمه اللّـهވިދާޅުވެފައިވެއެވެ.السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ. "أبو سلمةގެ ޢާއިލާއަށްވުރެ އިސްލާމްދީނަށްޓަކައި ބުރައުފުލި އެއްވެސް ޢާއިލާއެއް އަހަންނަކަށް ފެނިފައެއް ނުވެއެވެ."

މުއައްރިޚުންނާއި ސީރަތު ޢިލްމުގެ ޖުމްހޫރުން ވިދާޅުވާގޮތުގައި، އެންމެފުރަތަމަ މަދީނާއަށް ހިޖްރަކުރެއްވުމުގެ ޝަރަފު ހޯއްދެވި ބޭކަނބަލަކީالسّيّدة أمّ سلمة بنت أبى أميّة رضى اللّـه عنهاއެވެ. (ނަސަބު ޤުރައިޝު: 337،سيرة أعلام النّبلاءޖިލްދު: 2 ޞަފްޙާ 206،ألإستيعابޖިލްދު: 4 ޞަފްޙާ: 1921،ألإصابةޖިލްދު: 8 ޞަފްޙާ: 223)

ނަމަވެސް އެހެން ރިވާޔަތެއްގައިވާގޮތުން އެންމެފުރަތަމަ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވި ބޭކަނބަލަކީعامر بن ربيعة رضى اللّـه عنهގެ އަނބިކަނބަލުންليلى بنت أبى حثمة رضى اللّـه عنهاއެވެ. (الإصابة برجمة ليلى، كتاب الأوّئل للعسكرى: 1272)

ޞަޙީޙު ބުޚާރީގެ އެއްރިވާޔަތެއްގައިވާގޮތުން އެންމެފުރަތަމަ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވި ބޭކަލަކީأبو سلمة عبداللّـه بن عبد الأسد المخزومى رضى اللّـه عنهއެވެ. ނަމަވެސް ދެވަނަ ރިވާޔަތުގައި އެ ޝަރަފު އަރުވައިފައިވަނީمصعب بن عمير رضى اللّـه عنهއަށެވެ.حافظ إبن حجر عسقلانىމި ދެ ރިވާޔަތް ތަޠުބީޤުކުރައްވަމުން ވިދާޅުވާގޮތުގައިأبو سلمةމަދީނާއަށް ވަޑައިގަތީ މުޝްރިކުންގެ އުނދަގުލާހުރެއެވެ. މުސްތަޤިއްލު ގޮތުގައި މަދީނާގައި ވަޒަންވެރިވެވަޑައިގަތުމުގެ މަޤްޞަދުގައެއް ނޫނެވެ. ހިޖްރައިގެ ޤަޞްދުގައި އެންމެފުރަތަމަ މަދީނާއަށް ވަޑައިގަތީمصعبއެވެ. އެހެންކަމުން މި ދެރިވާޔަތުގައި ފުށުއެރުމެއްނެތެވެ.

(ނުނިމޭ)