ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހދ.ނޮޅިވަރަންފަރު ސުކޫލްގައި ހަތަރު ކުލާސްރޫމް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގުރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓު (ޖީޖީޕީ) ގެ ދަށުން ނޮޅިވަރަމްފަރު ސުކޫލްގައި ހަތަރު ކުލާސްރޫމް އެޅުމަށް މިއަދު ސޮއި ކުރީ 1.4 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހދ.ނޮޅިވަރަންފަރު ސުކޫލްގައި ހަތަރު ކުލާސްރޫމް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ކައުންސިލަރު މަޝަހަރޫ ޝިމިޒޫ އެވެ. ނޮޅިވަރަންފަރު ސުކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސުކޫލްގެ ޕްރިންސިޕަލް އަލީ އަހުމަދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ޖީޖީޕީ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ސުކޫލްތަކަށް އެހީ ފޯރުކޮށްދިނުމުގައި ޖަޕާންގެ ވޮލިންޓިއަރުން މަސައްކަތް ކުރާ ސުކޫލްތަކަށް އިސްކަން ދޭނެ ކަމަށެެވެ.

"މި ޕްރޮޖެކްޓުތައް އަމާޒު ކުރެވޭ ސުކޫލްތައް ކަނޑައެޅުމަށް މި ވަގުތު ޖަޕާންގެ އެހީއެއް ހިނގަމުންދާ ސުކޫލްތައްވެސް އެބަ ބެލެމުންދޭ. ހާއްސަކޮށް ޓީޗަރުންނާއި، މިއުޒިކު، ކޮމްޕިއުޓާ ޓީޗަރުން، ޕީއީ ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އެބަ ގެންދަވާ. އެހެންވީމާ ވޮލިންޓިއަރުން މަސައްކަތް ކުރައްވާ ސުކޫލްތަކަކީ މިގޮތުން އިސްކަމެއް ދެއްވައިގެން ބައްލަވާ ސުކޫލްތަކެއް،" ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖީޖީޕީ ގެ ދަށުން މިފަހަރު ނޮޅިވަރަންފަރު ސުކޫލް ކަނޑައެޅިގެން ދިޔައީ އެ ސުކޫލްގައި ފާހަގަކޮށްލެވޭ ހާއްސަ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

"ފާހަގަ ކުރެވޭނެ ނޮޅިވަރަންފަރަކީ އާބާދީ އެެއްފަސް ކުރުމުގެ މަޝްރޫއުތަކެއް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ހިނގަމުންދާ ސުކޫލެއް. އެކޮޅުގަ ހުރި ސުކޫލް އިތުރަށް ތަރައްގީކޮށް، މި އިތުރު ވި އާބާދީއާ އެކީގައި ސުކޫލަށް ގެންނަ ޖެހޭ އިތުރު ތަރައްގީގެ މަސައްކަތް ތަކަކީ ސަރުކާރުން ފައްޓައިގެން ކުރިއަށް ގެންދާ މަޝްރޫއުއެެއް،" ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖަޕާންގެ ފަރާތުން މިއަދު ލިބުނު އެހީއަކީ ތައުލީމީ ދާއިރާ އިތުރަށް ފުޅާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ހދ.ނޮޅީވަރަންފަރު ސުކޫލަކީ ގުރޭޑު 10 ހަމައަށް ކިޔަވާ ދެމުން އަންނަ ސުކޫލެކެވެ. އެ ސުކޫލްގައި 170 ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދެއެެވެ.