ޒުވާނުންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް، ޔޫއެންޑީޕީ އާއި ގުޅިގެން "ޔޫތު މެއިންސްޓްރީމިން" ވޯކްޝޮޕެއް ފަށައިފި އެވެ.

ޝީ ބިލްޑިންގުގައި މިއަދު ހެނދުނުން ފެށިގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ވޯކްޝޮޕްގައި ބައިވެރިވަނީ ޒުވާނުންގެ ތަރައްގީއަށް އަދި ޒުވާނުންނާ ގުޅޭ ކަންކަމުގައި ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް މަސައްކަތްކުރާ އެކި ޖަމިއްޔާތަކާއި ޔޫތު މިނިސްޓްރީގެ މުވައްޒަފުންނެވެ.

ޔޫތު މެއިންސްޓްރީމިން އަކީ 2003 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީ އިން ހަދާފައިވާ ޒުވާނުންގެ ގައުމީ ސިޔާސަތެކެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަދާ ހަމައަށް އައި އިރު ވެސް، އެ ސިޔާސަތަށް އެންމެ އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ވޯކްޝޮޕްގެ ބޭނުމަކީ ޒުވާނުންގެ ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއްތަނަކަށް އައިސްގެން އެއް ގޯލަކަށް މަސައްކަތްކޮށް މަޝްވަރާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވޯކްޝޮޕްގައި ހުރިހާ ފަރާތްތަކަށް ޔޫތު މެއިންސްޓްރީމިން އަކީ ކޮންއެއްޗެއްކަމާއި އޭގެ އެކްޝަން ޕްލޭނެއް މި ހަދަނީ ހުރިހާ ސްޓޭކްހޯލްޑަރުން އެކީގައި މަސައްކަތް ކުރުމަށް،" ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒުވާނުންނަކީ އަތްމަތި ތަނަވަސް ބަޔަކަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް މިއަދުގެ ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ވިޔަފާރިވެރިން އުފެއްދުމަށް ޓަކައި ކޮންމެ އަހަރަކު ވެސް ސަރުކާރުގެ ބަޖެޓުން އެތައް ހޭދައެއްކޮށް ލޯނު ލިބޭނެ އިންތިޒާމުތައް މިހާރު ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ޒުވާނުންނަކީ ތައުލީމީ، އަދި މިއަދުގެ ޑިމޮކްރަސީގެ ތެރޭގައި ފައިތިލަ ސާބިތުކުރުމަށް ގާބިލުކަން ލިބިފައިވާ ބަޔަކަށް ޒުވާނުން ހަދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ވޯކްޝޮޕްގައި ޔޫއެންޑީޕީން ބޮޑު ރޯލެއް އަދާކުރާނެ އެވެ.