އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފި މެމްބަރުންގެ ނަންތައް ވެސް ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށް، ހިޔާނާތުގެ "ފައިސާ ގޯނި ހިފައިގެން" ބަހަން ދިޔަ ކަމަށް އެއްބަސްވެވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އެއްވެސް މެމްބަރަކީ އަނެއް މެމްބަރަކަށް ވަގަށް ގޮވަން "މާ ރީތި" ބައެއް ނޫން ކަމަށާއި އެމްޑީޕީގެ މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އެނގޭ ކަމަށެވެ.

އަދި "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ އޭނާ ކަމަށް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

"މި ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރިއަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅުވައިގެން ރޭ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިސާ ނެގި މީހުންގެ ނަންތައް ވެސް ހާމަކުރަން ޖެހޭ ހިސާބުން ހާމަކުރައްވާނެ ކަމަށެވެ. އަދި "ޚަތިމުގައި އަތް ލައިގެން ހުރެ" ހުވާ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މެމްބަރު ދެއްކެވި ވާހަކައާ ގުޅިގެން އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން މީޑިއާތަކުގައްޔާއި އެހެނިހެން ގޮތް ގޮތުން ދެކެވޭ ވާހަކަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.