26 Apr 2011, 16:29
ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ އެދުމަކަށް ޖިއްދާގެ ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެއަށް ފަންނީ އެހީ ދިނުމަށް ހަމަޖައްސައިފައިވާ ކަމަށް އެމްއެމްއޭން ބުނެފި އެވެ.
އެމްއެމްއޭން ނެރެނު ބަޔާނެއްގައި ބުނަނީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިޑީބީގެ ވަފުދާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު މިމަހު 24 އަދި 25ގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި، އިސްލާމިކް ފައިނޭންސްގެ ހާއްސަ ފަންނީ އެހީގެ ޕެކޭޖެއް ރާއްޖެއަށް ތައްޔާރު ކުރަންމުންދާ ކަމަށް އައިޑީބީގެ ކަންޓްރީ ޑިވިޝަންގެ މެނޭޖަރ އަހުމަދު ސާލިހް ހަރީރީ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެޕެކޭޖް ހަތަރު މަހެއްހާ ދުވަސް ތެރޭ ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"މީގެ އިތުރުން ރާއްޖޭގައި އެކި އިސްލާމީ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައްޔާރުކުރުމަށާއި މީހުން ތަމްރީނުކުރުމުގައިވެސް އައިޑީބީގެ ފަންނީ އެހީ ދެއްވާނެ ކަމަށް އައިޑީބީގ ވަފުދުގެ ބޭފުޅުން ވިދާޅުވި އެވެ،" އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެއެވެ.
އައިޑީބީ އެވަފުދުގެ ރާއްޖެ އައީ، ފެބްރުއަރީ މަހު ރާއްޖެވަޑައިގަތް އައިޑީބީގެ ނައިބު ރައީސް ޑޮކްޓަރ އަބްދުލްއަޒީޒް ހިނާއީގެ އަރިހުގައި އެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު، އިސްލާމީ މާލީދާއިރާއިން އެހީއަށް އެދިވަޑައިގަތުމުން ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ. އަދި ފަޒީލް ނަޖީބްގެ އެ އެދިލެއްވުމަށް، އެހީދެއްވުމަށް ރާއްޖެއަށް ވަފުދެއް ފޮނުއްވާނެ ކަމަށްޑޮކްޓަރ ހިނާއީ އޭރު ވަނީ ވިދާޅުވެފައި ކަމަށް ވެސް ބުންޏެވެ.