26 Apr 2010, 11:58
14:30
ސޫދާނުގެ ވެރިރަށް ދާރްފޫރުގައި ހިނގި ކުރިމަތިލުންތަކެއްގައި 58 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
މިކުރިމަތިލުންތައް ފެށުނީ ހުކުރުދުވަހުގެ ރޭ އެގައުމުގެ ދެކުނުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ސޫދާން ޕީޕަލްސް ލިބަރޭޝަން އާމީ (އެސްޕީއެލްއޭ) އާއި ހަތިޔާރު އަޅައިގެން ތިބި އިތުރު ބަޔަކާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކަކާ އެކުގަ އެވެ.
މިހާދިސާއާ ގުޅިގެން އެސްޕީއެލްއޭ އިން ބުނެފައިވަނީ ހަތިޔާރު އަޅައިގެން ތިބި މީހުންނަކީ އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ކަމަށާއި އިސްވެ ހަމަލާ ދިނީ ވެސް އަސްކަރިއްޔާއިން ކަމަށެވެ. ނަމަވެސް ރައްދުގައި ހަމަލާ ދިން ކަމަށް އެޖަމާއަތުން ބުނެފައެއްނުވެ އެވެ.
މިހާދިސާ ހިނގާފައިވަނިކޮށް އެސަރަހައްދުގައި ދިރިއުޅޭ އަރަބި ގަބީލާއަކާ އެކު ވެސް އެސްޕީއެލްއޭ އިން އިއްޔެ ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ. މިހަމަލާތަކާ ގުޅިގެން އިތުރު ހަތަރު މީހަކު މަރުވެފައިވާއިރު 80 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
މިކުރިމަތިލުންތަކާ ގުޅިގެން ވާހަކަދައްކަމުން ސޫދާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމީހުން މިކުރިމަތިލުންތަކުގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި އެސްޕީއެލްއޭއިން އެގައުމުގެ އަސްކަރިއްޔާ އާ މެދު ކުރާ ތުހުމަތުތައް އެފަރާތުން ވަނީ ދޮގުކޮށްފަ އެވެ.
ދާރްފޫރުގައި ހިނގާ މިފަދަ ކުރިމަތިލުންތަކުގެ ސަބަބުން މިއަހަރު މިހާތަނަށް ވެސް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.