މާރާމާރީ ހިންގި މީހަކު 200 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މާރާމާރީ ހިންގުމުގެ ކުށުގައި ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ޖޫރިމަނާކޮށްފައި ވަނީ ޏ. ފުވައްމުލައް ފުނާޑު، ހަންޑްރެޑްފްލާވާސް ޝަމްލާ އިބްރާހީމެވެ.

ޝަމްލާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުވައްމުލަކު ފުނާޑު އޯޝަންވޭ ގެއަށް ގޮސް އެގޭ ފާތިމަތު އަދުނާނާއި އާއިޝަތު ވަހީދު މުހައްމަދާ ދެ މީހުންގެ ގައިގައި ޝަމްލާ ތަޅައި މާރާމާރީ ހިންގާފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

ޝަމްލާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.