10 Mar 2016, 09:59
މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އަންގާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް އެމްއެމްޕީއާރުސީ އިން ދޮގުކޮށްފި އެވެ.
ބައެއް މީޑިއާތަކުގައި ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އެ ކޯޕަރޭޝަނުން އަންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް، އެމްއެމްޕީއާރުސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިއެއް ވެސް ބޭރުގެ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި އިޝްތިހާރުކުރުމުގެ ފުރުސަތު އަބަދު ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ އައިޓީބީފެއާގައި ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް ހުއްދަ ދީފައިވާ ކުންފުނި، ގެސްޓްހައުސް މޯލްޑިވްސްއިން ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް ބޭނުންކުރި މެގަޒިން ބެހުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ގެސްޓު ހައުސް ޕްރޮމޯޓު ކުރުން ހުއްޓާލުމަށް އަންގައި ކުރި ކަމެއް ނޫން ކަމަށާއި، މެގަޒިން ބެހުން ހުއްޓާލަން އެންގީ އެ މެގަޒިންގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ ފަތުރުވެރިކަމުގެ 15 ވިޔަފާރިއެއް ހިމަނާފައިވާތީ ކަމަށެވެ.
"މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތައް އިޝްތިހާރުކުރުން ހުއްޓާލަން އަންގާފައި ވަނީ މިފަދަ ވިޔަފާރިތަކުން ހިދުމަތްހޯދާ ފަތުވެރިންނަށް ދިމާވެދާނެ ހާލަތެއްގައި ޒިންމާ އުފުލަންޖެހޭނެ ފަރާތެއް ނެތުމުގެ މައްސަލަ ކުރިމަތިވިޔަ ނުދިނުމަށް ޓަކައި،" އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުންޏެވެ.
އެ ކޯޕަރޭޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ގެސްޓް ހައުސް ވިޔަފާރީގެ 85 ފަސްތަނެއް މިހާރު ވެސް އައިޓީބީ ފެއާތެރޭގައި ގެސްޓްހައުސް މޯލްޑިވްސް އިން އިޝްތިހާރުކުރަމުން އަންނަ ކަން ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިތުރުބާރެއް އޮތްއިރު ރަޖިސްޓްރީ ނުކުރާ ތަންތަނުގެ މައުލޫމާތު ފަތުވެރިންނަށް ދިނުމަކީ ދޮގު މައުލޫމާތެއް ފޯރުވައިދިނުން ކަމަށާއި ފަތުރުވެރިންނަކީ އަބަދުވެސް އެމީހުން ޒިޔާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް އިސްކަން ދޭބައެއް ކަމަށް ވެސް އެމްއެމްޕީއާރުސީ އިން ބުނެ އެވެ.