10 Mar 2016, 10:04
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބް ކޮށް ޕީއެސްޖީ އާއި ބެންފީކާ އެ މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދައިފިއެވެ.
ފްރާންސްގެ ޕީއެސްޖީ ރޭގެ މެޗުން 2-1 އިނގިރޭސި ކްލަބް ޗެލްސީ ބަލިކޮށްފައިވާ އިރު އެ ޓީމަށް ކުއާޓާގެ ޖާގަ ލިބެނީ 4-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. ޕޯޗުގަލްގެ ބެންފީކާ މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ އެ ޓީމު ރޭކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން ރަޝިޔާގެ ޒެނިތު ބަލިކޮށް 3-1ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިލިބިގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ޗެލްސީ އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި އިރު ފުރަތަމަ ހާފްގެ 16 ވަނަ މިނެޓްގައި އެ ޓީމުން ވަނީ ގޯލެއް ކާމިޔާބް ކޮށް މެޗުގެ ލީޑް ނަގާފައެވެ. އެ ގޯލު އެޑްރިއަން ރަބިއަޓް ކާމިޔާބް ކުރީ ޒަލްޓަން އިބްރަހިމޮވިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
އެ ގޯލަށްފަހު ޗެލްސީން ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރިއިރު އެ ޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓްގައި ނަތީގާ އެއްވަރުކޮށްފައެވެ. ޑިއޭގޯ ކޮސްޓާ އެ ގޯލު ކާމިޔާބުކުރީ ވިލައަން ތަނަވަސް ކޮށްދިން ފުރުސަތެއް ގައެވެ. ކޮސްޓާގެ އެ ގޯލަށްފަހު، ޗެލްސީން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު، ޗެލްސީއަށް އިތުރު މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 60 ވަނަ މިނެޓްގައި އަނިޔާގެ ސަބަބުން ކޮސްޓާ ބޭލުމުންނެވެ. އެ ބަދަލާއެކު ޗެލްސީގެ އެޓޭކް ހުއްޓި ގޭމް ބަދަލުވެގެން ދިޔައީ ޑިފެންސިވް ކުޅުމަކަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ޗެލްސީ އާއި ޕީއެސްޖީ ކުޅުނު މެޗުގައި ޕީއެސްޖީގެ ދެވަނަ ގޯލު އިބްރަހިމޮވިޗް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ފުުލުފުލުގައި ގިނަ ހަމަލާ ތަކެއް އުފައްދަމުން އައި ޕީއެސްޖީ އެ މެޗުން މޮޅު ކޮށްދިން ގޯލު 67 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އިބްރަހިމޮވިޗް އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ޑިމަރިޔާ ނަގައިދިން ހުރަހަކުންނެވެ. އެ ގޯލަށް ފަހު ވެސް ޕީއެސްޖީއަށް ވަނީ ލީޑް އިތުރަށް ފުޅާ ކުރާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕީއެސްޖީން ރޭ ކާމިޔާބްކުރި ދެ ގޯލާއި އެކު އެ ޓީމް ވެގެން ގޮސްފައިވަނީ ޔޫރަޕްގައި 100 ގޯލު ހަމަކުރި ހަތަރު ވަނަ ކުލަބަށެވެ.
ޒެނިތުގެޕެޓްރޯސްކީ ސްޓޭޑިއަމްްގައި އެޓީމާ ދެކޮޅަށް ބެންފިކާ ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މެޗުގެ 68 ވަނަ މިނިޓްގައި ޒެނިތުގެ ހަލްކު ވަނީ އެޓީމަށް މެޗުގެ ކުރި ހޯދައިދީފައެވެ.
ބެންފިކާ ފަހަތުން އަރައި ދެ ގޯލް ކާމިޔާބުކުރި އިރު އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، މެޗުގެ 85 ވަނަ މިނިޓްގައި ނިކޮލާސް ގައިތަންއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެންޑަސަން ޓަލިސްކާއެވެ.