10 Mar 2016, 09:49
ވޮޝިންޓަން (މާޗް 10): އީރާނުން ބެލިސްޓިކް މިސައިލްތައް ތަޖްރިބާ ކުރަމުން ގެންދާކަން އެނގިފައިވާކަމަށް އެމެރިކާ ބުނެފިއެވެ.
ވައިޓް ހައުސް އިން ބުނީ، އީރާން ކުރަމުން ގެންދާ މިސައިލް ތަޖްރިބާތަކުން ސިހުން ނުލިބޭކަމަށާއި އެކަން ކުރަމުން ގެންދާކަން ރިޕޯޓްތަކުން އެނގިފައިވާކަމުގައެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައި އީރާނުން ބެލިސްޓިކް މިސައިލްގެ އިތުރު ތަޖްރިބާތައް ކުރިނަމަވެސް އެއީ އެމެރިކާއަށް އައު ކަމަކަށްނުވާނެ ކަމަށް ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވިއެވެ.
އީރާނަކީ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާއި ޖައްވަށް ފޮނުވާ ރޮކެޓް ފަދަ މިސައިލް ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީ ކޮށްފައިވާ ގައުމެކެވެ. ދުނިޔޭގައި މިސައިލް ޓެކްނޮލޮޖީ އެންމެ ބޮޑަށް ތަރައްގީ ކޮށްފައިވާ ހަތް ގައުމުގެ ތެރޭގައި އީރާން ހިމެނެއެވެ. އީރާނުގެ ގައުމީ ދިފާއުގެ އެންމެ ބޮޑު އައްޑަނައަކީވެސް ދުރުރާސްތާއާއި ކުރުރާސްތާގެ ބާރުގަދަ މިސައިލްތަކާއި ރޮކެޓްތަކެވެ.
އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލު ކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އެގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް މިއީ އެގައުމުން ތަރައްގީކުރަމުން ގެންދާ މިސައިލް ޓެކްނޮލޮޖީގެ ޕްރޮގްރާމާ ގުޅުންހުރި އެއްބަސްވުމެއްނޫނެވެ. އެހެންކަމުން މިސައިލް ތަޖްރިބާކުރުމާއި އައު މިސައިލްތައް އުފެއްދުމަށް އީރާން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.
އީރާނުގެ ދިފާއީ އެއްލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުތަކުން މިހަފްތާ ކުރީކޮޅުން ފެށިގެން ގެންދަނީ އަސްކަރީ ފަރިތަކުރުންތަކެއްގައި އެގައުމުން އުފައްދާފައިވާ އެކި ރާސްތާތަކުގެ މިސައިލްތައް ތަޖްރިބާ ކުރަމުންނެވެ.
އީރާނުން ތަޖްރިބާކުރި މިސައިލްތަކުގެ ތެރޭގައި އިސްރާއީލަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ތިންހާސް ކިލޯމީޓަރުގެ ރާސްތާގެ ޝިހާބް 3 ގެ މިސައިލްވެސް ހިމެނެއެވެ. މި މިސައިލްތައް އީރާން ތަޖްރިބާކުރަމުން ގެންދަނީ އަރަބި ކަނޑަށާއި އަދި އީރާނުގެ އުތުރުން ދެކުނަށެވެ. މިތަޖްރިބާތަކުގެ ބޭނުމަކީ އީރާނުގެ މިސައިލް ގާބިލްކަން ވަޒަންކުރުމާއި އިތުރަށް ތަރައްގީކުރަންޖެހޭ މިންވަރު ދެނެގަތުން ކަމަށް އީރާނުން ބުނެއެވެ. މިތަޖްރިބާތަކާ ގުޅިގެން ސައޫދީ އަރަބިޔާއާއި އިސްރާއީލުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
އިސްރާއީލުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދޭން ކެރިފައި ނުވަނީ އިސްރާއީލުގެ ކޮންމެތަނަކަށް ޙަމަލާތައް ދެވޭވަރުގެ ބާރުގަދަ މިސައިލްތައް އީރާނަށް ލިބިފައިވުން ކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިން ބުނީ އީރާނުގެ މިތަޖްރިބާތަކަކީ އެގައުމުން މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމާ ދެކޮޅަށް އދ. ން ފާސްކޮށްފައިވާ ގަރާރުތަކާ ދެކޮޅު އަމަލެއް ކަމަށާއި މިމައްސަލަ ސަލާމަތީ މަޖިލީހަށް ގެންދާނެކަމުގައެވެ. ނަމަވެސް އީރާނުގެ މިސައިލް ތަޖްރިބާތަކާ ގުޅިގެން އެގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.
އީރާނުގެ މަގްސަދަކީ އެއްވެސް ގައުމަކަށް ގޯނާ ކުރުން ނޫންކަމަށާއި އެގައުމުގެ ދިފާއީ ބާރުތައް ވަރުގަދަ ކުރުންކަމަށް ޒަރީފް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)