ބޮލީވުޑްގެ މަޝްހޫރު ތަރި ފަވާދު ހާން އަކީ ގިނަ އަންހެން ކުދިންތަކެއްގެ ހިތް ކަތިލަމުން އަންނަ ޒުވާނެކެވެ. އޭނާ އަށް ލިބިފައިވާ ރީތިކަމުގެ ސަބަބުން ގިނަ އަންހެނުންތަކެއްގެ ހިތްތަކުންނާއި މަޖައްލާތަކުގެ ކަވާ ޕޭޖުން އޭނާ އަށް ޖާގަ ލިބިފައި ވެއެވެ.

އެހެންނަމަވެސް، ޕާކިސްތާން ފިލްމުތަކުން ފިލްމީ ދާއިރާއަށް އުފަންވި ފަވާދު އެކަމެއް ގަބޫލެއް ނުކުރެއެވެ.

"އަހަންނަށް އެކަން ގަބޫލު ކުރަން ވަރަށް އުނދަގޫ. އަހަންނަށް ބައެއް ފަހަރު އުނދަގޫވެސް ވޭ. އަހަރެން ގަބޫލެއް ނުކުރަން އަހަންނަކީ އެހާ ރީތި މީހެއް ކަމަކަށް،" ފަވާދު ބުންޏެވެ.

ފަވާދު ބުނީ، އޭނާ އަށް އޭނާ އަކީ އެހާ ރީތި މީހެއް ކަން ގަބޫލު ކުރެވޭނަމަ އެކަން ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަންނަށް އަހަންނަކީ އެހާ ރީތި މީހެއް ކަމަށް ގަބޫލު ކުރެވޭނަމަ، އަހަރެން އެކަން އެކި ގޮތްގޮތުން ދެއްކުމަށް މަސައްކަތް ކުރާނަން،" ފަވާދު ބުންޏެވެ.

ފަވާދު ބުނީ، މީހަކު އޭނާ ރީތި ކަމަށް ބުންޏަސް ލަދު ގަންނަ ކަމަށެވެ. އަދި ފިލްމު އިންޑަސްޓްރީގެ އެއްވެސް ބަތަލާއެއް މިހާތަނަށް އޭނަ އާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ފަވާދު ބުންޏެވެ.

ފަވާދު ހާން އަށް ވަނީ މަޝްހޫރު ވޯގް މަޖައްލާއިން ދޭ "ވޯގް ބިއުޓީ އެވޯޑްސް 2015"ގެ އެންމެ ރީތި ފިރިހެނާގެ އެވޯޑުވެސް ލިބިފައެވެ.

އުމުރުން 33 އަހަރުގެ ފަވާދު އެންމެ ފުރަތަމަ ކުޅެފައިވަނީ 2007 ވަނަ އަހަރު ރިލީޒްކުރި ޕާކިސްތާނީ ފިލްމެއް ކަމަށްވާ "ޚުދާ ކޭ ލިޔޭ" އެވެ. އަދި އޭގެ ކުރިން އޭނާވަނީ ޕާކިސްތާނުގެ އެކި ޑްރާމާ ސީރީޒްތައް ކުޅެފައެވެ.

އޭނާ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފުވީ، ސޯނަމް ކަޕޫރު އާއެކު ކުޅުނު ފިލްމު، "ޚޫބްސޫރަތު" އިންނެވެ.