މީހުން މެރުމާއި ފޭރުން ފަދަ ބޮޑެތި ކުށްތައް ގައުމުން ނުހުއްޓުވިގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ބިލާއި ޖަލުތަކާއި ޕެރޯލްގެ ބިލާއި ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށާއި ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކޮށް މި މަހު ތިރީހުން ފެށިގެން މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް، ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ހުށަހަޅުއްވާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރުން ވިދާޅުވީ ކުށް މަދުނުކުރެވިގެން އުޅެނީ ތަންފީޒީ އިދާރާތަކުން އިހްލާސްތެރި މަސައްކަތްތަކެއް ކުރަމުން ނުދާތީ ކަމަށެވެ.

ކެލާ ދާއިރާގެ އަބުދުﷲ މައުސޫމު ވިދާޅުވީ، ކުށް ކުރުން ނުހުއްޓިގެން އުޅެނީ، މަޖިލީހުން ހަދާ ގާނޫނުތައް ނަހަދައިގެން ކަމަށް ބުނާ ވާހަކަ އަށް އިންކާރު ކުރައްވާ ކަމަށެވެ.

"ގޭންގް ކުށްތައް މަނާ ކުރުމުގެ ބިލު ނިމިއްޖެ. ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ބިލު ނިމިއްޖެ. ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހާއްސަ ގޮތަކަށް އަމަލު ކުރުމުގެ ބިލު ނިމިއްޖެ. ދެން އޮތް ހެއްކާ ބެހޭ ބިލާއި ޖިނާއީ އިޖްރާއަތުގެ ބިލާއި ގާނޫނުލް އުގޫބާތުގެ ބިލަކީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުއްޓުން އަރާނެ ކަމެއްނޫން،" މައުސޫމު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވެސް ވިދާޅުވީ، ކުށް ކުރުން އިތުރުވެގެން ދަނީ ގާނޫނުތައް ނެހެދިގެން ނޫން ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ބިލުތަކަށާއި ގަރާތުތަކަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކުން އިހްތިރާމް ކުރަނީ ކިހާ ވަރަކަށްތޯ ބަލަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ބިލެއް ނަހަދައިގެނެއް ނޫން ކަންކަން ކުރަނީ. އިހައްދުވަހު އަޅުގަނޑުމެންނަށް އަޑުއިވުނީ 10 ކުށްވެރިއަކު ހައްޔަރުކުރި ވާހަކަ. އިއްޔެ އަޑު އިވުނީ ގާޒީއަކު އެއިން މީހަކު ޗުއްޓީ އަށް އިންޑިޔާ އަށް ފޮނުވި ވާހަކަ. މީ ބިލެއް ނެތިގެން ކުރާ ކަމެއްތޯ. ކޮންމެ ކަމެއް ކޮށްފައި ވެސް [ބުނަނީ] މަޖިލީހުން ގާނޫނެއް ނަހަދައިގެންނޭ. އަޅުގަނޑުމެން މިތަނުގައި ބިލެއް ހެދިއަސް އެއަށް އިހްތިރާމްކުރީއާ ނޫންތޯ ވާނީ. ގާޒީން ވެސް ތިބެނީ ސިޔާސީ ވެފައި. ޕްރޮސިކިއުޓާ ޖެނެރަލާއި ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ވެފައި. މަޖިލީހުގެ ރައީސް ވެސް ޕާޓީ ތެރޭގައި ސިޔާސީ ވެފައި،" މޫސަ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ ގައުމުގެ ހާލަތު މިހާހިސާބަށް ދިޔައީ ގާނޫނެއް ނެތިގެނެއްނޫން ކަމަށެވެ. އަދި ދިރާސާ ރިޕޯޓްތައް ހާމަވުމުން އެކަން ވަރަށް ރަނގަޅަށް އެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ހިނގާ ކަންތައްތައް ރައްކާތެރި ކުރަން ބޭނުން ވަނީ އިތުރު ގާނޫނުތަކެއް ނޫން. ބޭނުން ވަނީ އިހްލާސްތެރިކަމާ އެކު ގާނޫނުތައް ތަންފީޒު ކުރުން. މިހާރު އޮތް ގާނޫނުތަކުން ކުށްކުރާ މީހުންނަށް އަދަބު ލިބޭނެ. ރައްޔިތުންނަށް ހިމާޔަތް ލިބޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ރިޔާސި ނިޒާމެއްގައި އެންމެ ބާރުގަދަ ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުން ވެއްޖެ ނަމަ މަގުތަކުގައި އުޅޭ 600 ކުށްވެރިން އެއް މަސް ދުވަހުގެ ތެރޭގައި ޖަލަށް ލައި ގައުމު އަމާން ތަނަކަށް ހެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުސޫމާއި މޫސަ އާއި އަލީ ވަހީދު ވަނީ މަހްލޫފުގެ ގަރާރަށް ދެކޮޅު ހައްދަވައިފަ އެވެ. އެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ޗުއްޓީ ނަގަން ޖެހޭ ދުވަސްކެއް ކަނޑައަޅާފައި ވަނިކޮށް އެގޮތަށް ގަރާރެއް ފާސް ކުރުމުން ޗުއްޓީ ދުވަސްތަކުގައި މަޖިލީހުގެ މަސައްކަތްތައް ގެންދަން ޖެހުމަކީ ގަވާއިދާ ހިލާފްވުމެއް ކަމަށެވެ.

އެ ގަރާރަށް ތާއީދު ކުރެއްވި މެންބަރުން ވިދާޅުވ އެއީ މުހިއްމު ގަރާރެއް ކަމަށެވެ. އަދި ގައުމުގައި އުފެދިފައިވާ ނާމާންކަން ހުއްޓުވުމަށް ގާނޫނުތަކެއް ހަދަން ޖެހޭ ކަމަށް އެކި ފަރާތްތަކުން ބުނާއިރު، މަޖިލީހުގެ ވަގުތު އިތުރުކޮށްގެން އެ ގާނޫނުތައް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒް ވިދާޅުވީ، ކުށްތައް އިތުރުވެގެން ދަނީ، މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުނިމި އޮތުމުން ކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާ ކަމަށެވެ. އަދި މަޖިލިސް މެންބަރުން ހުވައިކުރެއްވީއްސުރެ އެ ވާހަކަތައް މަޖިލީހުގައި ނުދެކެވޭ ދުވަހެއް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ބިލު ނެތުމުން މިއަދު ހެކިބަސްދޭ ފަރާތްތައް، ބިރު ދައްކައި މީހުން މަރާ މީހުން ޝަރީއަތުގެ މަރުހަލާގައި ސަލާމަތް ވެގެންދާކަން އެއީ ނޫޙުންނާއި އެނޫން ގޮތްގޮތުން އެނގޭކަމެއް. އެހެންކަމުން މި ބިލުތަކުގެ އިތުރުން އެހެން މުހިއްމުކަމެއް އޮތް ނަމަ އެކަން ނިންމާފައި ޗުއްތީއަށް ދިއުމަކީ ވެސް އަޅުގަނޑު ތާއީދުކުރާކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ، މި މަހުގެ 30 އިން ފެށިގެން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީ އަށް ދިއުން ފަސްކޮށް ދައުރުގެ މުއްދަތު އިތުރު ކުރަން ހުށަހެޅުއްވީ، އިންތިހާ އަށް އިތުރުވެފައިވާ ކުށްތައް ހުއްޓުވުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ މުޖުތަމައުގެ ރައްކާތެރި ކަމަށް ކޮންމެހެން ލާޒިމު ކަމަކަށް ވާތީ ކަމަށެވެ.