10 Mar 2016, 08:56
އެމެރިކާގެ ޖެޓްބްލޫ އެއާލައިނުގެ ފްލައިޓެއްގައި ތިބި މުސްލިމް ދެ އަންހެން ފަސިންޖަރުން، ފްލައިޓުގެ ކްރޫއިން ސޭފްޓީ ޑެމޮންސްޓްރޭޝަންސް ދައްކަމުން ދިޔަ ވަގުތު ކްރޫއިންނާ ދިމާލަށް ބަލަހައްޓައިގެން ތިބުމުން އެކަމާ ހިތްހަމަ ނުޖެހިގެން، އެ ދެ ފަސިންޖަރުން ފްލައިޓުން ބާލައިފި އެވެ.
ބޮސްޓަންއިން ލޮސް އޭންޖެލެސްއަށް ދަތުރުކުރަން އޮތް މި ފްލައިޓު ނައްޓާލުމުގެ ކުރިން ފްލައިޓުގައި ފަސިންޖަރުންގެ ރައްކާތެރިކަމަށް ދެވޭ އިރުޝާދުތައް ފްލައިޓުގެ ކްރޫއިން ކިޔައިދެމުން ދިޔަ ވަގުތު، އެމަންޒަރު ބަލަން ފްލައިޓުގައި ދެ މުސްލިމު އަންހެން ފަސިންޖަރުން ތިއްބެވެ. ރަންވޭ މަތީގައި ޓެކްސީ ކުރަމުން ދިޔަ ފްލައިޓު އިރުކޮޅަކުން ހުއްޓި އިރު، އެ ފްލައިޓަށް ފުލުހުން އަރައި، ބުރުގާ އަޅައިގެން ތިބި ދެ މުސްލިމް އަންހެން ފަސިންޖަރުން ފްލައިޓުން ބޭލުވި އެވެ. އަދި އެ ފްލައިޓު ދަތުރުކޮށްފައި ވަނީ އެ ދެ ފަސިންޖަރުން ނުލަ އެވެ.
މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޔޫޓިއުބުގައި އާންމު ކުރީ، ނޫސްވެރިޔާ އަދި "ދަ ވަޔަރޑް"ގެ ކުރީގެ އެޑިޓަރު މާކް ފްރޮއެންފެލްޑާ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ރަހުމަތްތެރިއެއް އެ ފްލައިޓުގައި އިނެވެ. އަދި ދެ މުސްލިމު ފަސިންޖަރުން "ބަލަހައްޓައިގެން ތިބި ގޮތާއި މެދު ހިތްހަމަ ނުޖެހޭ" ކަމަށް ބޯޓުގެ އެއް ކެބިން ކްރޫއަކު އޭނާއާ އެކު މަސައްކަތް ކުރާ އެހެން ކްރޫއެއްގެ ގާތުގައި ބުނި އަޑު، ފްރޮއެންފެލްޑާގެ ރަހުމަތްތެރިޔާއަށް އިވުނު ކަމަށް އޭނާ ބުންޏެވެ.
ފްރޮއެންފެލްޑާ ޔޫޓިއުބުގައި އާންމުކުރި ވީޑިއޯ މިހާރު ވަނީ ރިމޫވް ކޮށްފަ އެވެ.
ޖެޓްބްލޫ އެއާލައިންސްއިން ޑެއިލީމެއިލްއަށް ދިން އިންޓަވިއުއެއްގައި ބުނެފއިވަނީ، ފްލައިޓުން ބޭލުވުނު ދެ އަންހެނުންގެ ތެރެއިން އެކަކު ގެންދިޔައީ ފްލައިޓުގެ ސޭފްޓީ އިންސްޓްރަކްޝަންސް ހަދަމުން ގެންދިޔަ މަންޒަރު ވީޑިއޯ ކުރަމުން ކަމަށެވެ. އަދި ފްލައިޓުގެ އެތެރޭގައި ހިނގާ ކަންކަން ފޮޓޯ ނަގައި ވީޑިއޯ ކުރާ މީހުންގެ މައުލޫމާތު ކުންފުންޏަށް ވަގުތުން އެންގުމަށް ކްރޫއިންނަށް އިރުޝާދު ދެވިފައި ވާނެ ކަމަށް ޖެޓްބްލޫއިން ބުންޏެވެ.
"ހިނގައިދިޔަ ހާދިސާގައި ކްރޫ މެމްބަރުން ކަންތައް ކޮށްފައި ވަނީ ރަނގަޅަށް. ފަސިންޖަރަކު ފްލައިޓުގެ ސޭފްޓީ ޕްރޮސީޖަރ ވީޑިއޯ ކުރާހެން ހީވުމުން އެކަން އެއާލައިނަށް އެންގި،" ޖެޓްބްލޫއިން ބުންޏެވެ.