ޝަރުއީ ދާއިރާއާއި މީޑިއާއާ ދެމެދު އޮތް ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނާއި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވާފައިވާއިރު ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތަކަށް އެތައް މީޑިއާތަކެއް ނުވަށްދަން އެކޯޓުން މިހާރު ވަނީ ނިންމާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބު ވިދާޅުވީ، ކޯޓުތަކުގައި ހިނގަމުންދާ ބައެއް ޝަރީއަތްތައް ކަވަރު ކުރުމަށް ރާއްޖޭގެ ބައެއް ބްރޯޑްކާސްޓަރުންނަށާއި މީޑިއާގެ ބައެއް ފަރާތްތަކަށް ނުވަދެވޭ ގޮތަށް ބައެއް ކޯޓުތަކުން ހަމަޖައްސަމުންދާތީ، އެއީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށްވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ޝަރުއީ ހަބަރުތައް ކަވަރުކުރުމުގައި ބައެއް ދަތިތައް ކުރިމަތިވާތީ އެފަދަ މައްސަލަތައް ދިމާވަނީ ކޮން އުސޫލުތަކަކާ ހިލާފުވެގެންތޯ ސާފުކޮށް އެނގެން ބޭނުންވާ ކަމަށާއި، ކޯޓުތަކުގެ ގަވާއިދުތަކާއި އުސޫލުތަކަށް ނޫސްވެރިން އަހުލުވެރިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މުހިންމު ކަމުގެ މައްޗަށްވެސް ޝަހީބް އަލިއަޅުއްވާލެއްވިއެވެ.

ކޯޓުތަކުގެ ހަބަރުތައް ޕްރޮފެޝަނަލް ގޮތުގައި ކަވަރުކުރުމަށް ނޫސްވެރިންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާ ކަމަށާއި ޝަރީއަތްތައް ކަވަރު ކުރުމަށް ވަކި ހާއްސަ ނޫސްވެރިންތަކެއް އެކްރެޑިޓްކުރުން މުހިންމު ކަމަށްވެސް ޝަހީބް ވިދާޅުވިއެވެ. އަދި ނޫސްވެރިންނަކީވެސް ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށް ޝަހީބް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، މިނިވަން ޒިންމާދާރު ނޫސްވެރިކަމަށް ތަރުހީބު ދެއްވާ ކަމަށާއި ނަމަވެސް މަދު ބަޔަކު މީޑިއާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަން ކަމަކީ ޑިމޮކްރަސީގެ މުހިންމު އަސާސަކަށް ވާއިރު ގައުމީ މަސްލަހަތު ދެމެހެއްޓުމަށް މީޑިއާއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު ދެއްވި ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.