09 Mar 2016, 23:10
މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނިފައިވާ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީގެ މަރުގެ މައްސަލަ އާއި ގުޅުން ހުރި ފައިސާތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށް އެގޭތެރޭގައި ވަޅުލާފައިވާ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެއީ އަލީ މަރާލުމަށްފަހު، އޭނާގެ ފިހާރައިން ވަގަށް ނަގައިގެން ގެނެސް ވަޅުލާފައިވާ ފައިސާ ކަމަށެވެ.
އެ ފައިސާ ހޯދަން ފުލުހުން އެގޭތެރެ ކޮނެ، ވަޅުލާފައިވާ ފައިސާ ނެގި މަންޒަރު ފެނި އެގޭގައި ހުރި އަންހެނަކަށް ސިއްޙީ ގޮތުން ކުރިމަތިވި ހާދިސާއަށް ފަރުވާ ދިނުމަށް ފުލުހުން ވަނީ އެ އަންހެން މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ މަރުގެ ހާދިސާގެ ތަޙުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ފުލުހުންނަށް ލިބެމުންދާކަމަށެވެ.
އެ މަރުގެ މައްސަލާގައި އެ ރަށުން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މައްސަލަ އާއި ގުޅުންހުރި ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.
މަރާލާފައި އޮށްވައި ފެނުނު އަލީ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާ އެވެ. އޭނާ ދަންވަރު ނިދަނީ ވެސް އެ ފިހާރައިގެ ތެރޭގަ އެވެ. އޭނާ ގެއްލިގެން ހޯދީ ފަތިހު ގެއަށް ނައުމުންނާއި، ހެނދުނު ފިހާރަ ހުޅުވަން ބެލިއިރު ފިހާރަ ފަޅާލާފައި ހުރުމުންނެވެ.
ފުލުހުން ބުނީ އަލީ ފެނިފައި ވަނީ މާރިޗު ދެ ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެދުވަހު ހެނދުނު 8:50 ކަންހާއިރު ހިތަދޫ ސްކޫލާދިމާގައި އޮތް އަލައޮޅެއްގެ ތެރެއިން ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.