އެމްއެމްޕީއާރުސީގެ ހިޔާނާތުގެ "ފައިސާ ގޯނި ހިފައިގެން" ބަހަން ދިޔަ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގ ނައިބު ރައީސް މުއައްވިޒު ރަޝީދު "ސަން"އަށް މިރޭ ވިދާޅުވީ އެ އިދާރާއިން ކުރަމުންދާ އެމްއެމްޕީއާރުސީގެ ތަހުގީގުގެ ތެރެއިން އެ ފައިސާގެ މުއާމަލާތްތައް ގޮސްފައި ހުރީ ކިހިނެއްތޯ ބަލަމުން އަންނަ ކަމަށާއި އެ ތަހުގީގު ކުރިއަށްދަނިކޮށް، މަޖިލީހުގައި މެމްބަރަކު އެ މައްސަލާއާ ގުޅުން އޮތް ގޮތަށް އަމިއްލައަށް އިއުތިރާފު ވެވަޑައިގެންފައިވާތީ އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން މީޑިއާތަކުގައްޔާއި އެހެނިހެން ގޮތް ގޮތުން ދެކެވޭ ވާހަކަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

"މިއަދު މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ގުޅޭ ގޮތުން އޭސީސީން ބަލަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ބަލާނަން. މިހާރު އަޅުގަނޑުމެންގެ އިންވެސްޓިގޭޓިވް ޓީމަށް ދޭންޖެހޭ އިންސްޓުރެކްޝަން ދީފިން،"އޭސީސީގެ ނައިބު ރައީސް

އޭސީސީގެ ރައީސް ހަސަން ލުތުފީ (ވ) އަދި ނައިބު ރައީސް މުއައްވިޒު ރަޝީދު --- ސަން ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ވިދާޅުވީ އެއްވެސް މެމްބަރަކީ އަނެއް މެމްބަރަކަށް ވަގަށް ގޮވަން "މާ ރީތި" މީހެއް ނޫން ކަމަށާއި އެމްޑީޕީގެ މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އެނގޭ ކަމަށެވެ. "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ އޭނާ ކަމަށް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

"މި ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރިއަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ: ދީނާ ހިލާފުނުވެ، މަޖިލީހުގައި ދެއްކި ވާހަކައަކަށް ފިޔަވަޅު ނޭޅޭނެ

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށައެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާމެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.

ވަކީލުންގެ ބަސް: މެމްބަރުގެ މައްޗަށް ތަހުގީގު ހިންގަން ހުރަހެއް ނެތް

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މެމްބަރު މުހައްމަދު އިސްމާއިލް އަމިއްލަފުޅަށް ރިޝްވަތު ބެހުމުގައި ބައިވެރިވި ކަމަށް ވިދާޅުވުމަކީ ދީނާއި ފުށުއަރާ މައްސަލައަކަށް ވާތީ އެ މައްސަލަ ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ.