10 Mar 2016, 09:09
ރާއްޖެވަށައި ބުރެއް ޖެހުމަށް އަބްދުލް ގަފޫރު އަލީ (ގައްބެ) ބޭނުންކުރި ކަޓަމަރާން އޭގެ ވެރިފަރާތް ކަމަށްވާ، އޮޅުވެލި ރިސޯޓަށް މިއަދު އަލުން އަނބުރާ ރައްދުކޮށްދީފި އެވެ.
އެ ކަޓަމަރާނަކީ އޮޅުވެލި ރިސޯޓުގެ ވޯޓާސްޕޯޓްސް ސެންޓަރުން ގައްބެއަށް ދަތުރު ފުރިހަމަ ކުރުމަށް ހަދިޔާކުރި ކަޓަމަރާނެކެވެ.
ކަޓަމަރާން ރައްދުކޮށްދިނީ ގައްބެ އޭގައި ދަތުރުކޮށްފައި ގޮހެވެ.
އޮޅުވެލި ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަލީ ޔޫސުފް ވިދާޅުވީ، އެ ރިސޯޓުން ހަދިޔާކުރި ކަޓަމަރާނެއްގައި ގައްބެ ރާއްޖޭގެ ރެކޯޑެއް ފުރިހަމަކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގައްބެގެ އެ ދަތުރުގެ ސަބަބުން އޭގެ ހަގީގީ މަގްސަދުކަމުގައިވާ، ރާއްޖޭގެ ޓޫރިޒަމް ވަރަށް ފުރިހަމައަށް އިސްތިހާރުވާނެ ކަމަށެވެ.
އެފަދަ ކަންކަމުން ޒުވާނުން ފިލާވަޅު ދަސްކުރަން ޖެހޭ ކަމަށާއި ކޮންމެ ކަމަކީ ވެސް މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަންކަން ކަމަށް އަލީ ޔޫސުފް ވިދާޅުވި އެވެ.
އޮޅުވެލި ރިސޯޓުގައި ހުރެ "ސަން" އާ ވާހަކަ ދައްކަވަމުން ގައްބެ ބުނީ، އޭނާގެ ދަތުރަށް ކަޓަމަރާން ހަދިޔާކޮށްދިން ކަމަށް ޓަކައި އޮޅުވެލި ރިސޯޓުގެ ވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ގައްބެ ވެސް ބުނީ ކަމެއް ނެތިފައި ތިބޭ ޒުވާނުންނަށް ރާއްޖޭގައި އެކި ދާއިރާތަކުން އެތައް ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ ވޯޓާސްޕޯޓްސް ފަދަ ކަންކަމާ ގުޅުމަށް ގައްބެވެސް އެދުނެވެ.
ކަޓަމަރާނެއްގައި ރާއްޖެ ވަށައިޖެހުމަށް ކުރުމަށް ކުރި ދަތުރު 38 ދުވަހުން ފުރިހަމަ ކުރުމަށްފަހު ގައްބެ މާލެއަށް އައީ އިއްޔެ ހަވީރު އެވެ.