އޭއެފްސީ ކަޕުގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ސުޒޭން ބުނީ އަމިއްލަ ދަނޑުގައި އެ ޓީމުން ނުކުތީ މިއަދުގެ މެޗު ކާމިޔާބު ކުރަން ކަމަށާއި ނަމަވެސް އެ މެޗުން އެއްވަރުވި ލިބުނު އެއް ޕޮއިންޓާ އެކު ވެސް ކުރިއަށް ދެވާނެ ކަމަށެވެ.

"ގިނަ އެޓޭކް ތަކެއް ކޮށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބިގެން ދިޔަ. ނަމަވެސް ނިއްމާނުލެވުމުގެ މައްސަލަ ކުރިމަތިވީ. އެ ކަހަލަ މޮޅު ޓީމަކާއެކު ކުޅެ އެއް ގޯލުގެ ތަފާތުން ކުރި ލިބިފަ އޮތަސް އެއީ ލީޑެއް ނޫން. އެކަން ފެނިގެން އެ ދިޔައީ،" ސުޒޭން ބުންޏެވެ.

އޭއެފްސީ ކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ނާއްޓޭ ޔަންގޮންގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ބުނީ ގުރޫޕްގައި ހިމެނޭ ސައުތު ޗައިނާ އެ ޓީމު މިއަދު ކުޅުނު މެޗުން ބަލިވުމުން މާޒިޔާ އަށް އަދި ފުރުސަތު ނުގެއްލޭ ކަމަށާއި ދެން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރު ވުން ކަމަށެވެ.

ރަސްމީ ބޯޅަ ދަނޑުގައި ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާޒިޔާ މިއަދު ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފް އެއްވެސް ޓީމަަކަށް ގޯލެއް ކާމިޔާބް ކުރެވިފައިނުވާ އިރު މާޒިޔާ އަށް ލީޑް ލިބިގެން ދިޔައީ 76 ވަނަ މިނެޓްގައި އަހުމަދު ރަޝީދު(އަމްމަޑޭ) ކާމިޔާބްކޮށްދިން ގޯލުންނެވެ. އަމްމަޑޭ އެ ގޯލު ކާމިޔާބް ހުސެން ނިޔާޒު(ބޮކުރީ) ނަގައިދިން ހުރަހެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެން ކާމިޔާބްކުރި ގޯލެކެވެ.

އޭއެފްސީ ކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އަމްމަޑޭ: މިއދުގެ މެޗުގައި އޭނާ ކާމިޔާބު ކުރި ގޯލަކީ މި ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ފުރަތަމަ ގޯލު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ގޯލަށް ފަހު ވެސް މާޒިޔާ ރަނގަޅު ހަމަލާތަކެއް އުފައްދެ ނަމަވެސް ގޯލެކަށްހަދާނުލެވުމުގެ ފައިދާ ނަގައި ޔަންގޮން ޔުނައިޓުން ވަނީ ނަތީޖާ އެއްވަރިކޮށްފައެވެ.

ޔަންގޮންގެ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 86 ވަނަ މިނެޓްގައި ކޯކޯ އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިން ހުސްކޮށްލާފައި ދިން ބޯޅަ ގޯލުގެ ކަނަށް ވައްދާލައި ގެންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ސައުތު ޗައިނާ އަތުން މޯހަންް ބަގާން ވަނީ 4-0 އިން މޮޅުވެފަ އެވެ.

އޭއެފްސީ ކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ:

އެ ނަތީޖާތަކާ އެކު ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު މޯހަން ބަގާން އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު ޔަންގޮން އޮތްއިރު، ތިން ވަނައިގައި މާޒިޔާ އޮތީ އެއް ޕޮއިންޓާ އެކު އެެވެ. ފުލުގައި އޮތް ސައުތު ޗައިނާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި މުބާރާތުގައި މާޒިޔާ ކުޅޭ ތިން ވަނަ މެޗުގައި އަންނަ ހަފްތާގެ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ސައުތު ޗައިނާއާ ދެކޮޅަށެވެ.