މޮބައިލް ފޯނު ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތް ދިނުމަށް ދިރާގުން ވެސް ތައްޔާރުވެއްޖެ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު މިއަދު ވިދާޅުވީ މާދަމާއިން ފެށިގެން އެ ހިދުމަތް ދިރާގުގެ ހުރިހާ ސެންޓަރުތަކަކުން ލިބިގެންދާނެ ކަމަށެވެ. އަތޮޅުތެރޭ އޮަޕަރޭޓް ސެންޓަރުތަކުންނާއި ޕާޓްނަރު ފިހާރަތަކުން އެ ހިދުމަތް ދެވިގެންދާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

"ދިރާގަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކަށް އެ ފުރުސަތު އޮންނާނެ، އުރީދޫ ބޭފުޅުން ދިރާގަށް ބަދަލުވުމަށް ބޭނުންވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ،" އިމްޖާދު ވިދާޅުވިއެވެ.

"ނަންބަރ ޕޯޓަބިލިޓީ" ހިދުމަތުގެ ސަބަބުން ދިރާގު ނަންބަރެއް ގެންގުޅޭ މީހަކު، އުރީދޫ ނެޓްވޯކަށް ބަދަލުވެވިދާނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ބޭނުންކުރާ މީހަކަށް، ދިރާގަށް ވެސް ބަދަލުވެވިދާނެ އެވެ.

ހިދުމަތް ހޯދަން ހަދަންޖެހޭނީ ކިހިނެއް؟

"ނަމްބަރ ޕޯޓެބިލިޓީ"ގެ ހިދުމަތް ދޭން ފަށަނީ މާދަމާއިން ފެށިގެންނެވެ. ނަމްބަރު އެގޮތަށް ބަދަލު ކުރެވެނީ އެކްޓިވް ނަމްބަރެއްނަމަ އެވެ. އަދި އެ ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާންޖެހެ އެވެ. އެ ހިދުމަތް ހޯދުމަށް "Port" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ ކޯޑާއެކު ފޯމެއް ފުރުމަށްފަހު އެ ހިދުމަތައް ހުށަހެޅޭނެ އެވެ.

އެ ހިދުމަތް ފޯރުކޮށްދެނީ އެ ނަމްބަރަކުން ދައްކަންޖެހޭ ހުރިހާ ބިލެއް ދައްކައި ހަލާސް ކުރުމުންނެވެ. އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ އެވެ.

ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން ވިދާޅުވާ ގޮތުގައި ކަސްޓަމަރުން ބޭނުންވަނީ ހިދުމަތް ރަނގަޅު ނެޓްވޯކެއްގައި ތިބުން ކަމަށްވާއިރު ދިރާގުން މިހާރު ވެސް އަންނަނީ އެފަދަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.