ރިސޯޓްތަކުގައި ފުލުހުން ގަބޫލުކުރާ ސެކިއުރިޓީ ނިޒާމެއް ގާއިމު ކުރަން ގާނޫނުގައި ކަނޑައެޅުމަށް ގަތޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެއްސެވުމުން އިސްލާހް ބަލައިގެންފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހް ބަލައި ނުގަތުމަށް 14 މެންބަރުން ވޯޓު ދެއްވި އެވެ.

މަހްލޫފު ހުށަހަޅުއްވާފައިވާ އެ އިސްލާހް ގައި ވަނީ ރިސޯޓް ތަކާއި ޓޫރިސްޓް ހޮޓާ ތަކާއި ގެސްޓުހައުސްތަކުގައި، ފުލުހުން ގަބޫލު ކުރާ ފެންވަރުގެ ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައެޅުމަށެވެ.

މަހްލޫފު ވިދާޅުވީ، އެ އިސްލާހް ހުށަހެޅުއްވީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވައްކަން ކުރުމާއި ފޭރުން އިންތިހާއަށް އިތުރުވެގެން ގޮސް، ރިސޯޓް ތަކަށް އަރައި، ވައްކަން ކުރުމުގެ ހާދިސާތަކެއް ހިންގާފައި ވުމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ހަލާކުވެގެން ގޮސްދާނެތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

އެ ބިލުގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ރިސޯޓްތައް ފަދަ ތަންތަނުގައި ސެކިއުރިޓީ ނިޒާމެއް ގާއިމް ކުރަން ލާޒިމްކޮށް ގާނޫނުގައި ކަނޑައެޅުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އަދި އެ ތަންތަނުގެ ސެކިއުރިޓީގެ ކަންތައް ހަމަޖެހިފައި އޮންނަންޖެހޭނީ އެ ތަންތަން ހިންގާ ބަޔަކު ބޭނުންވާގޮތަކަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ މިއީ މުހިއްމު ބިލެއް ކަމަށާއި މިހާރު ގައުމުގެ ކަންތައް އޮތް ގޮތުން އެފަދަ ބިލެއްގެ މުހިއްމުކަން ވަރަށް ބޮޑަށް ބޭނުން ވެފައިވާ ކަމަށެވެ.