މާޒިޔާގެ ފޯވާޑް އަހުމަދު ރަޝީދު (އަންމަޑޭ)ގެ ލަނޑުން މެޗުގެ ލީޑު ނަގާފައިވަނިކޮށް، މެޗު ނިމެން ދަނިކޮށް ކިޔޯން ކޯކޯ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ 1-1 ލަނޑުން އެއްވަރުކޮށް މިޔަންމާގެ އެވެ.

އެ ނަތީޖާއާއެކު ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްޖީގެ އެއް ވަނާގައި މިވަގުތު އޮތީ ޔަންގޮން އެވެ. އަދި މާޒިޔާ އޮތީ ދެ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ގްރޫޕުގެ ތިން ވަނައިގަ އެވެ.

އެ މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އިންޑިއާގެ މޯހަން ބާގަންއާ ވާދަކޮށް ވަނީ 5-2 ލަނޑުން ބަލިވެފަ އެވެ. އަދި ޔަންގޮން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސައުތު ޗައިނާއާ ވާދަކޮށް 1-0 ލަނޑުން މޮޅުވެފަ އެވެ.

މިއަދު ހަވީރު މާޒިޔާއާ ޔަންގޮން ބައްދަކުރި މެޗުގެ ތެރޭން. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އެ ދެ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި މާޒިޔާއަށް ޔަންގޮންގެ ގޯލް ހުޅުވައިލަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހްމަދު ނާޝިދު (ނާއްޓޭ) ވަރަށް ރީތިކޮށް ޔަންގޮން ގޯލް އޭރިޔާ ތެރޭން ގޯލް ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ ޔަންގޮންގެ ގޯލަށް ފޮނުވާލަން އަންމަޑޭ މަސައްކަތްކުރި ނަމަވެސް އެ ބޯޅަ އޭނާގެ ފަޔަށް ރަނގަޅަށް އެރުމުގެ ކުރިން ޔަންގޮން ކުޅުންތެރީން ވަނީ ބޯޅަ ބޭރުކޮށްލައިފަ އެވެ.

މިއަދު ހަވީރު މާޒިޔާއާ ޔަންގޮން ބައްދަކުރި މެޗުގެ ތެރޭން. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗުގެ 28 ވަނަ މިނިޓްގައި ޔަންގޮންއިން ވެސް މާޒިޔާގެ ގޯލަށް ނުރައްކާކުރި އެވެ. ޔަންގޮންގެ ކުޅުންތެރިއަކު މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރޭން ފޮނުވާލި ބޯޅަ މާޒިޔާގެ ޑިފެންޑަރު ޒިރްކޯފްގެ ފައިގައި ޖެހިފައި ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާގެ ސަމްދޫހު ވަރަށް ރީތިކޮށް ޔަންގޮން ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ، އަންމަޑޭ ބޮލުން ޖަހައި ގޯލަށް ފޮނުވާލި އެވެ. ނަމަވެސް އަންމަޑޭ ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތީއެވެ.

މާޒިޔާއިން ޔަންގޮންގެ ގޯލު ހުޅުވާލީ މެޗުގެ 63 ވަނަ މިނެޓުގަ އެވެ. އަހުމަދު އިމާޒު (އާއްކޮ)ގެ ބަދަލުގައި ކުޅެން އެރި ހުސެއިން ނިޔާޒް (ބޮކުރީ) ވަރަށް ރީތިކޮށް ޔަންގޮންގެ ދެކުޅުންތެރީން ކައިރިން ނައްޓާލާފައި ނަގައިދިން ހުރަހެއް އަންމަޑޭ ވަނީ ހަމަ އެހާމެ ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިފަ އެވެ.

މިއަދު ހަވީރު މާޒިޔާއާ ޔަންގޮން ބައްދަކުރި މެޗުގެ ތެރޭން. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާޒިޔާ ލަނޑު ޖެހުމުން ޔަންގޮންއިން ވަނީ، އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިިނެޓުގަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ޔަންގޮންގެ ޔީ ލިން ފޮނުވާލި ބޯޅަ އޭރިއާ ތެރެއިން ހުސްކޮށް ހޯދުމަށް ފަހު ކޯކޯ ވަނީ ވަރަށް ފުރިހަމަކޮށް އެ ބޯޅަ މާޒިޔާގެ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެން އެ ޓީމަށް މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.

އެ މުބާރާތުގައި މާޒިޔާ ދެން ކުޅޭ މެޗުގައި ވާދަ ކުރާނީ ސައުތު ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މާރިޗް 16 ވަނަ ދުވަހު ހަވީރު، ރަސްމީ ބޯޅަ ދަނޑުގަ އެވެ.