09 Mar 2016, 18:21
އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި ހިނގާފައިވާ މަރުގެ މައްސަލައަކާ ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރު ކުރުމުގެ އިތުރުން އެ މައްސަލާގައި މިއަދު އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
މީގެ ކުރިން ވަނީ އެ މައްސަލާގައި 24 އަހަރުގެ ފިރިހެނެއް ވެސް ހައްޔަރުކޮށްފަ އެވެ.
މަރާލުމަށްފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ.
އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާއެވެ. އޭނާ ދަންވަރު ނިދަނީ ވެސް އެ ފިހާރައިގެ ތެރޭގަ އެވެ. އޭނާ ގެއްލިގެން ހޯދީ ފަތިހު ގެއަށް ނައުމުންނާއި، ހެނދުނު ފިހާރަ ހުޅުވަން ބެލިއިރު ފިހާރަ ފަޅާލާފައި ހުރުމުންނެވެ.
ފުލުހުން ބުނީ އަލީ ފެނިފައި ވަނީ މާރިޗު ދެ ވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެދުވަހު ހެނދުނު 8:50 ކަންހާއިރު ހިތަދޫ ސްކޫލާދިމާގައި އޮތް އަލައޮޅެއްގެ ތެރެއިން ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.