09 Mar 2016, 18:06
މޮބައިލް ފޯނު ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ޚިދުމަތުން އުރީދޫއަށް ބަދަލުވާން ބޭނުންވާ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަކަށް ރާއްޖޭގެ ހުރިހާ ރަށަކުން އެ ހިދުމަތް ދެވިދާނެ ކަމަށް އުރީދޫއިން ބުނެފި އެވެ.
އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ކުންފުނީގެ އެޖެންޓުން ތިބޭއިރު އެ ހުރިހާ ތަނަކުން އުރީދޫއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދެވިގެންދާނެ ކަމަށެވެ.
މާލޭގައި ހިންގާ އުރީދޫގެ 11 ފިހާރައަކާއި މަގުތަކުގއި ބަހައްޓާ ތިން ޓެންޓުން ވެސް އެ ހިދުމަތް ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"ނަންބަރ ޕޯޓަބިލިޓީ" ހިދުމަތުގެ ސަބަބުން ދިރާގު ނަންބަރެއް ގެންގުޅޭ މީހަކު، އުރީދޫ ނެޓްވޯކަށް ބަދަލުވެވިދާނެ އެވެ. އަދި އުރީދޫ ފޯން ނަމްބަރެއް ބޭނުންކުރާ މީހަކަށް، ދިރާގަށް ވެސް ބަދަލުވެވިދާނެ އެވެ.
ހިދުމަތް ހޯދަން ހަދަންޖެހޭނީ ކިހިނެއް؟
"ނަމްބަރ ޕޯޓެބިލިޓީ"ގެ ހިދުމަތް ދޭން ފަށަނީ މާދަމާއިން ފެށިގެންނެވެ. ނަމްބަރު އެގޮތަށް ބަދަލު ކުރެވެނީ އެކްޓިވް ނަމްބަރެއްނަމަ އެވެ. އަދި އެ ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާންޖެހެ އެވެ. އެ ހިދުމަތް ހޯދުމަށް "Port" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ ކޯޑާއެކު ފޯމެއް ފުރުމަށްފަހު އެހިދުމަތައް ހުށަހެޅޭނެއެވެ.
އެ ހިދުމަތް ފޯރުކޮށްދެނީ އެ ނަމްބަރަކުން ދައްކަންޖެހޭ ހުރިހާ ބިލެއް ދައްކައި ހަލާސް ކުރުމުންނެވެ. އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެއެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އެ ކުންފުންޏާއި ގުޅެން ބޭނުންވާ 7 ގެ ނަމްބަރުތަކަށް އޮތް އެންމެ ބޮޑު ފައިދާއަކީ އެކުންފުންޏަކީ ބައިނަލްއަގުވާމީ ކުންފުންޏަކަށްވުމާއެކު އެ ކުންފުންޏާއި ބޮޑެތި ކުންފުނިތަކާއި އޮތް ގުޅުމެވެ. އެގޮތުން އުރީދޫއާއި ވައިބާ އަދި ފޭސްބުކް ފަދަ ކުންފުނިތައް ގުޅިފައިވުމަކީ ކަސްޓަމަރުންނަށް އޭގެ ފައިދާ ކުރާނެ ކަންކަން ކަމަށް ނިޔާޒު ވިދާޅުވި އެވެ.