މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯގެ ގޭސްފުޅިއަކުން 15 ރުފިޔާ އަގު ހެޔޮކުރަން ނިންމައިފި އެވެ.

މޯލްޑިވް ގޭސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޢަބުދުﷲ މައުމޫން ވިދާޅުވީ އެ ކުންފުނިން މިހާރު 225 ރުފިޔާއަށް ވިއްކާ 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 210 ރުފިޔާއަށް އަންނަ މަހުން ފެށިގެން އަގު ހެޔޮކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ އެކުންފުނީގެ ހަޔާތުގައި ގޭސް އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގޭހުގެ އަގަށް ބަދަލު ގެނައި ދެ އަހަރު ކަމަށްވާ 2008 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ވަނީ ގޭހުގެ އަގު ބޮޑުކޮށްފަ އެވެ.

މައުމޫން ވިދާޅުވީ ގޭހުގެ އަގު ހެޔޮވާން ޖެހޭނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި އަތޮޅުތެރޭ ހުރިހާ ރަށެއްގައި ވިއްކާ އެ ކުންފުނީގެ ގޭހުގެ ތެރެއިން 10 ކިލޯގެ ގޭހުގެ އަގުން 15 ރުފިޔާ އަގުހެޔޮވާން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ 10 ކިލޯގެ ގޭހުގެ އަގު ހެޔޮކުރީ އެ ގޭހަކީ ގޭބިސީތަކުގައި ބޭނުންކުރާ ގޭސް ކަމަށްވާތީ ކަމަށެވެ. ކުރިއަށް އޮތްތަނުގައި 10 ކިލޯއިން ދަށުފެ ގޭހުން ވެސް އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.