ހައުސިން މިނިސްޓްރީގެ ނަމުގައި އޮޅުވާލައިގެން މާލޭގެ ގެތަކަށް ވަންނަންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގެ ނަމުގައި މލޭގެ ގެތަކަށް ވަންނަ މައްސަލަ އާންމުންގެ ފަރާތުން އެމިނިސްޓްރީއަށް ހުށައަޅަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ޕާޓޭން ވަންނަނީ ގެއަށް މިނިސްޓްރީގެ ފަރާތުންނޭ ކިޔައިގެން، ދިރިއުޅުމުގެ ހާލަތު ބެލުމަށޭ ކިޔާފައި މިވަންނަނީ." އޮފިޝަލް ވިދާޅުވި އެވެ.

ބަޔަކު އޮޅުވާލައިގެން ހައުސިން މިނިސްޓްރީގެ ނަމުގައި ގޭގެއަށް ވަންނަމުންދާ އިރު އެމިނިސްޓްރީން މިހާރު އަންނަނީ ގެދޮރުވެރި ކުރުމުގެ ޕުރޮގުރާމްގެ ދަށުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމިނިސްޓްރީން ގޭގެއަށް ދާނީ ހައުސިން މިނިސްޓްރީގެ ލޭންޑް ލައިނުން ގުޅައި ހަމަޖައްސާފައި ކަމަށާއި އެގޮތަށް ދާ ފަރާތްތަކުގެ އަތުގައި ހައުސިން މިނިސްޓްރީގެ މުވައްޒިފެއްކަން އެންގައިދޭނެ ލިޔުން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކިއެކި ކުންފުނިތަކުގެ ނަމުގައި ބައެއް ގެތަކަށް ގޮސް ވައްކަން ކުރާ މައްސަލަތައް ވެސް ހުށައެޅެމުންދާތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގެ ނަމުގައި ގޭތަކަށް ވަންނަމުންދާ އިރު އެމިނިސްޓްރީގެ ނަމުގައި ގުޅައި ފުލެޓް ލިބިފައިވާ ކަމަށްބުނެ ރީލޯޑް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.