ދުވަސްކޮޅެއްގެ މެދު ކެނޑުމަކަށް ފަހު ބޮލީވުޑްގެ ތަރި އަދި ކުރީގެ މިސް އިންޑިއާ ޕޫޖާ ޗޯޕްރާ އަނެއްކާވެސް ފިލްމަކުން ފެންނަން އުޅޭ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފި އެވެ.

މީގެ ތިން އަހަރު ކުރިން ފިލްމު "ކޮމާންޑޯ" ކުޅުމަށްފަހު ޕޫޖާ ދެން ފެނިގެންދާނީ "ޓޫ މަޗް ހޯގަޔާާ" ނަމަކަށް ކިޔާ ފިލްމަކުން ކަމަށް ހަބަރުތައް ބުނެއެވެ. އަދި އޭނާ އާއެކު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ޖިމީ ޝެރްގިލް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަބަރުތައް ބުނާ ގޮތުން، ދިގު މުއްދަތެއްގެ މެދު ކެނޑުމަށްފަހު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމުން ޕޫޖާ ހުރީ ވަރަށް އުފާވެފައެވެ.

"އަހަރެން އެކްސިޑެންޓު ވެގެން ހަ މަސް ދުވަހަށް ބެޑު ރެސްޓު ކުރަން ޑޮކްޓަރު އެންގި. އެ ދުވަސްވަރު ރަނގަޅު ޕްރޮޖެކްޓުތައް ލިބުނު. އަހަރެން ބެލީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ލިބޭތޯ،" ޕޫޖާ އާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

މި އަހަރު ފަހުކޮޅު ރިލީޒު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމު ޑައިރެކްޓު ކުރަނީ މަޝްހޫރު ޑައިރެކްޓަރު އަންވަރު ޚާން އެވެ.