09 Mar 2016, 16:35
ލުބްލިއާނާ (މާޗް 9): ގަވާއިދާ ހިލާފަށް ރެފިއުޖީން ޔޫރަޕަށް ދިޔުން ހުރަސްއެޅުމުގެ ގޮތުން ސްލޮވީނިއާގެ ބޯޑާ ކޮންޓްރޯލް ވެސް ވަރުގަދަކޮށްފި އެވެ.
ސޮލޮވީނިއާއަކީ ތުރުކީން ގްރީސްއަށްދާ ރެފިއުޖީން ޖަރުމަނު ފަދަ ޔޫރަޕްގެ އުތުރުގައި އޮންނަ ގައުމުތަކަށް ދިޔުމަށް އާއްމުކޮށް ހުރަސް ކުރާ ގައުމެކެވެ.
އާގަވާއިދުތަކުގެ ދަށުން ސްލޮވީނިއާ އަށް ވަދެވޭނީ ހަމައެކަނި އެގައުމުން ހިމާޔަތް ހޯދަން ބޭނުންވާ ރައްޔިތުންނަށާއި އިންސާނީ އެހީ ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށް އެގައުމުން ބުންޏެވެ. އަދި އެގަވާއިދުތަކުގެ މަގުސަދަކީ ގާނޫނާ ހިލާފަށް ޔޫރަޕަށް ދާން މަސައްކަތް ކުރާރެފިއުޖީން އަނބުރާ ފޮނުވާލުން ކަމަށް ވެސް ސްލޮވީނިއާއިން ބުންޏެވެ.
ސްލޮވީނިއާއަކީ އީޔޫގެ ޕާސްޕޯޓް ފްރީ ޒޯންގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ސްލޮވީނިއާގެ އިތުރުން އެޒޯންގައި ހިމެނޭ އިތުރު އަށް ގައުމަކުން ވެސް ވަނީ ބޯޑާ ކޮންޓްރޯލް ވަރުގަދަ ކުރަން ނިންމައިފަ އެވެ. އަދި މެކެޑޯނިއާއާއި ބަލްގޭރިއާ އިން ވަނީ ވިސާއާ ޕާސްޕޯޓާ ނުލާ އެގައުމަށް ނުވަދެވޭ ގޮތަށް ހަދައިފަ އެވެ. ސާބިއާ އިން ވަނީ އެގައުމުގެ ބޯޑަރު ބަންދު ކުރަން ނިންމައިފަ އެވެ.
މިދިޔަ އަހަރު އެކަނި ވެސް ގާނޫނާ ހިލާފަށް އެއްމިލިއަނަށް ވުރެ ގިނަ މީހުން އީޔޫގެ ގައުމުތަކަށް ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ސީރިޔާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް އެގައުމުން ޔޫރަޕަށްދާ ރައްޔިތުންނެވެ.
އީޔޫއާ ތުރުކީން މިހާރު ދަނީ ޔޫރަޕަށް ހިޖުރާ މީހުން މަދުކުރުމުގެ ގޮތުން އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.