އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ އެ ބަހުސް ރޭވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގައިފައިވާ ކަމަށް ގަބޫލުރެއްވޭތީ ކަމުގައި އެމަގާމަށް ވާދަކުރައްވާ ކުރީގެ ފިޝަރީސް މިނިސްޓާ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

މިރޭ ބާއްވަން ހަމަޖެހިފައި އޮތް އެމްޑީޕީގެ ރައީސްކަމަށް ވާދަ ކުރައްވާ ބޭފުޅުންގެ ބަހުސުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ އަށް ފޮނުއްވައިފައިވާ ސިޓީގައި ޑރ. ޑީޑީ ވިދާޅުވެފައި ވަނީ، ބަހުސްގެ ކަންތައް ރޭވި ހިނގަމުންދަނީ އިދާރީ ގޮތުން އެންމެ ރަނގަޅު ފެންވަރުގައި ރޭވިގެން ކަމުގައި ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. އަދި އެކަމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާތަކެއް ނެގޭފަދަ ގޮތަކަށް އެކަންކަން ރޭވެމުންދާ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވެފައިވެ އެވެ.

"މިގޮތަށް މިކަންކަން ހިނގަމުން ދިއުމުން ކޮރަޕްޝަނާއި ރައްޓެހި ފަރާތްތަކަށް ނަހަމަ ގޮތުގައި ނާޖާއިޒު ފައިދާތަކެއް ލިބުމަށް ފުރުސަތުތަކެއް ލިބިގެންދެ އެވެ،" ޑރ. ޑީޑީ ވިދާޅުވެފައިވެ އެވެ. އަދި އިތުރަށް ޑީޑީ ވިދާޅުވެފައިވެ އެވެ؛ "ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހިނގަމުންދާ ކޮންމެ ކަމަކީ އަޅުގަނޑު ނުހަނު ބޮޑަށް ނަފްރަތުކުރާ އަދި އެފަދަ ކަންތައްތައް ނައްތާލުމަށް ބޭނުންވާ މީހަކަށްވާތީ އިސްވެ ދެންނެވުނު ބަހުސްގައި އަޅުގަނޑު ބައިވެރިވާން ބޭނުން ނުވާ ވާހަކަ ދަންނަވަމެވެ."

މީގެ އިތުރުން، އެ މައްސަލަ ބަލައިދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގަންފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސާއި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ރެ އާއި މިރޭ ބާއްވަން އުޅުނު ބަހުސްގެ މައްސަލަ ބޮޑުވެފައި މިވަނީ، ދި ޓީވީން ރާވަމުންދިޔަ އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ ބަހުސަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ބުކް ކޮށްފައިވަނިކޮށް ރާއްޖެ ޓީވީން ބާއްވާ ބަހުސަށް އެތަން ދޫކުރުމުންނެވެ. ދި ޓީވީން އެކަމާ ހިތްހަމަނުޖެހިގެން ވަނީ، އެ ސްޓޭޝަނުން ބާއްވަން އުޅުނު ބަހުސް ކެންސަލްކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވައްދައިފަ އެވެ.

ރޭ ރާއްޖެ ޓީވީން ބާއްވަން އުޅުނު އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސް ވެސް ވަނީ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. އެއީ ބަހުސާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފައިވުމާ ގުޅިގެންނާއި އަދި ބަހުސް ރޭވުމުގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަންތައްތަކެއް ހިނގަމުންދާ ކަމަށް ވިދާޅުވެ، ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ އެ ބަހުސް ބޯއިކޮޓް ކުރެއްވުމާ ގުޅިގެންނެވެ.

ދަރުބާރުގެ ދޫކުރުމުގައި ކޮރަޕްޝަނުގެ ތުހުމަތުގައި އެމްޑީޕީގެ އިސް ބޭފުޅުން ކުރައްވަމުން ގެންދަވާއިރު، އެ މަސްއޫލިއްޔަތު ހަވާލުވެފައި ވަނީ ހައުންސިން މިނިސްޓްރީންނެވެ. ހައުންސިން މިނިސްޓަރަކީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު އަސްލަމެވެ.

އެހެންކަމުން، ބަހުސާ ގުޅިގެން ފެތުރިފައިވާ އަޑުތަކަކީ އަސްލަމަށް ކުރިމަތިވާ ނުސީދާ ފާޑުކިޔުންތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އެގޮތުން، އަސްލަމާ ވާދަކުރައްވާ އަލްހާންގެ ކެމްޕޭން ޖަގަހައެއްގައި އިއްޔެ ރޭ ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔާ ސަރަނގު އާދަމް މަނިކު، ސަރުކާރު ތެރޭގައި ކޮރަޕްޓް ބައެއް ވެރިން ތިބި ކަމަށާއި އެ ބައެއްގެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވަނިކޮށް، މިއަދު ދަރުބާރުގެ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ނިންމިކަން ވަނީ އެނގިފަ އެވެ.

އެގޮތަށް ނިންމެވީ ރައީސްގެ އެންގެވުމުގެ މަތިން ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.