ކަނބަލުން މިހާތަނަށް ހޯދި ކާމިޔާބީ ތަކުރާރު ކުރެވޭނީ ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި ވަކިން ހާއްސަކޮށް ފިރިހެނުންގެ އެހީތެރިކަން ލިބިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި ދެ ޖިންސު ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އިތުރަށް ވަރުގަދަ ކުރުމަކީ މިއަދުގެ އަޒުމަކަށް ހަދަން ޖެހޭ ކަމަށެވެ.

"ވަކިން ހާއްސަގޮތެއްގައި ފިރިހެން ބޭފުޅުންގެ އެހީތެރިކަން އެކަނބަލުންގެ މަސައްކަތަށް ލިބިގެން. އަޅުގަނޑުމެންގެ އުފަލަކަށް މިއަދު ހަދަންވީ މި މުޖުތަމައުގައި ދިރިއުޅެމުންދާ ކޮންމެ ފަރުދަކީ އެހެން މީހުންގެ އިހްތިރާމް ލިބިގެން ދިރިއުޅޭ ބަޔަކަށް ވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމަށް އަންނަ ކޮންމެ ތަރައްގީއަކާ އެކު ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ ވެސް މިއަދު އުނދަގޫ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަށީގެންވާ ދިރިއުޅުމެއް ހޯދުމަށް ޓަކައި ކުރަން ޖެހޭ ހޭދަ ކުރިއަށްވުރެ ބޮޑު. އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށް އާމްދަނީ ހޯދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރިއަށްވުރެ އިންތިހާ އަށް އިތުރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގިނަ އަންހެނުންނަކީ އެއްވެސް ޝަކުވާއެއް ނެތި ޖީލު ބިނާ ކުރުމުގެ ޒިންމާ ނަގައިގެން ތިބި ބައެއް ކަމަށެވެ. އަދި އެމީހުންގެ ބުރަ މަސައްކަތުން އަގުހުރި ދަރިންތަކެއް ގައުމަށް ނެރެދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުގެ ބުރަކަމާ އެކު ވެސް ކުދިން ބެލުމާއި ގޭތެރޭގެ އެހެން ޒިންމާތަކާއި އެ ކަނބަލުން ކުރިމަތިލަނީ ޝަކުވާއެއް ނެތި. ކުޅަދާނަ އެތައް ސަހްޝިއްޔަތެއް ގައުމީ ހިދުމަތަށް ވަނީ އުފަންކޮށްދީފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސުކޫލްތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންގެ ތެރޭގައި އަންހެން ކުދިންގެ އަދަދު ނިސްބަތުން ގިނަ ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު އޯލެވެލް އިން މަތީ ނަތީޖާ ހޯދި ދަރިވަރުންގެ 61 ޕަސެންޓަކީ ވެސް އަންހެން ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.