މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަތައް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި ހުކުމް އިސްތިއުނާފު ކޮށްފި އެވެ.

ނިހާނުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭ 2:45ގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރާ ކަމަށް ދައްކުވައިދޭ ލިޔުމެއް ނިހާން ތައްޔާރުކޮށްފައިވާ ކަމަށްބުނެ އެވެ.

އެ މައްސަލަ ނިމެންދެން ނިހާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ އާއި ހެއްކަށް ނުފޫޒުފޯރުވާފާނެތީ ކަމަށް ބުނެ އެވެ. ނިހާންގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އެއީ މިހާތަނަށް ނިހާންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާނެ ކަމެއް ވެސް އަދި އެކަހަލަ ކަމެއް ކުރި ކަމުގެ ޝަކުވާއެއް ވެސް ލިބިފައި ނުވާތީ ކަމަށެވެ.

މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ބަންދުގައި ބަހައްޓާ ދެވަނަ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އިރު އެ މައްސަލާގައި ހިމެނޭ އެއްވެސް ހެއްކެއް ނިހާނަށް ނޭނގޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެއިން އެއްވެސް ސަބަބަކަށް ރިއާޔަތްކޮށް ނިހާނު ބަނދުގައި ބައްޓައިގެން މައްސަލަ ކުރިއަށް ގެންދަން ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ނިހާނު ބަނދުގައި ބަހައްޓަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިއަދު އެވެ.

ދައުލަތުން ނިހާނުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ ހުއްދަ ނޫންގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޚަ ނޫންގޮތެއްގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ. އެ ތިން ދައުވާއަށް ވެސް ނިހާން ވަނީ އިންކާރުކޮށްފަ އެވެ.