އައްސޭރި ޖަލުގައި ތިބި ގައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށް ޓަކައި ހަދާ ދެކޮޓަރީގެ ދެ އެޕާޓްމަންޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރު، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ހުސައިން އެވެ.

މިއަދު ބިންގާ އެޅި އިމާރާތަކީ އައްސޭރި ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭން ޖެހޭ ގައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށް މިހާރު ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ފެށި މަސައްކަތެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ އިމާރާތުގެ ސަބަބުން އެކަހެރި ބައްދަލުވުން ދެވޭ މާހައުލަކީ ގައިދީންނާއި އާއިލާތަކަށް ވެސް ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ވެގެންދާނެ ކަމަށާއި އެ އިމާރާތް ނިމުމުން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ދަތިކަމެއް ނެތި ބައްދަލުވުން ދެވޭނެ ކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

އައްސޭރި ޖަލު އިމާރާތުގެ ހުރިހާ ކަމެއް ގައިދީން ކުރުމަށް ހަމަޖެހިފައިވާ އިރު، ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ކަރެކްޝަންސް އިން އުންމީދުކުރެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އިން ކުރިއަށް ގެންދާ ގައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދަނީ އައްސޭރި ޖަލުގަ އެވެ.

މިހާރު ވެސް އައްސޭރި ޖަލުގައި 200 ވަރަކަށް ގައިދީން ތިބި އިރު، އެގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގެ ގޮތުން ތަފާތު ގިނަ މަސައްކަތްތަކެއް ގައިދީންލައްވައި އަންނަނީ ކުރަމުންނެވެ. އެގޮތުން ދަނޑުވެރި ކަމުގެ މަސައްކަތާއި، އަތްތެރި މަސައްކަތްތަކާއި ކުކުޅާއި ބަކަރި ގެންގުޅުމުގެ އިތުރުން ހިންމަފުށީގައި ހުންނަ ބައެއް ކުންފުނިތަކުގައި ވެސް ގައިދީންލައްވައި މަސައްކަތް ކުރުވަ އެވެ.