އާއްމުންގެ ތާއީދު ހޯއްދަވަން މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ހެއްދެވި ޓުވިޓާ ހޭޝްޓެގް "ރެސްޕެކްޓް މައި ޕީއެމް" ނުވަތަ "ބޮޑުވަޒީރަށް އިހުތިރާމުކުރަން" ހޭޝްޓެގް ވެގެން ދިޔައީ އެ ގައުމުގެ ރައްޔިތުން ބޮޑު ވަޒީރަށް ފާޑު ކިޔަން ބޭނުން ކުރި ހޭޝްޓެގަކަށެވެ.

ބޮޑުވަޒީރު ރައްޒާގު އަލަށް ފެއްޓެވި ކެމްޕެއިނަކީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ދޮގުކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމުގެ ގޮތުން ފެއްޓި ކެމްޕެއިނެކެވެ. ޓުވިޓާ ބޭނުން ކުރާ އެގައުމުގެ ބައެއް ރައްޔިތުން ވަނީ އެހޭޝްޓެގް "ސަސްޕެކްޓް މައި ޕީއެމް" ނުވަތަ "ބޮޑު ވަޒީރަށް ތުހުމަތު ކުރަން"ގެ ގޮތުގައި ބޭނުން ކުރަން ފަށައިފަ އެވެ.

"އަހަރެންގެ ބޮޑުވަޒީރު ގައުމުން އެތައް ބިލިއަން ފައިސާ ވަގަށް ނެގި ކަމަށް އަހަރެންނަށް ތުހުމަތު ކުރެވޭ އިރު ކިހިނެއް ބޮޑު ވަޒީރަށް އިހުތިރާމް ކުރާނީ،" ޓުވިޓާ ބޭނުންކުރާ ފަރާތަކުން ބުނެފައިވެ އެވެ.

އަދި "އަހަރެންގެ ބޮޑު ވަޒީރު އިސްތިއުފާދެއްވައިފި ނަމަ އަހަރެންގެ ބޮޑުވަޒީރަށް އިހުތިރާމު ކުރާނެ" ކަމަށް ޓްވިޓާ ބޭނުންކުރާ އެހެން ފަރާތަކުން ބުންޏެވެ.

މެލޭޝިއާގެ ސަރުކާރުގެ ފަންޑުން އެތައް ބިލިއަން ޑޮލަރު ނެގިކަމަށް ބޮޑުވަޒީރުގެ މައްޗަށް ތުހުމަތު ކުރުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެސް ވަނީ ބޮޑުވަޒީރު ރައްޒާގުއަށް ފާޑު ވިދާޅުވެފަ އެވެ.

"މުސްކުޅިއެއް ވިޔަސް ޒުވާނަކަށް ވިޔަސް އަދި ކޮންމެ ނަސްލެއްގެ ނުވަތަ ދީނެއްގެ ނުވަތަ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށްވީ ނަމަވެސް، ނަޖީބު ރައްޒާގު ވެރިކަމުން މެލޭޝިއާގެ ސަރުކާރު ސަލާމަތް ކުރަން އަޅުގަނޑު މެލޭޝިއާގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން،" މެލޭޝީއާގެ ކުރީގެ ބޮޑު ވަޒީރު ވިދާޅުވި އެވެ. (އަލްޖަޒީރާ)