ބޮލީވުޑްގެ މަޝްހޫރު ތަރި ސިދާތު މަލްހޯތުރާ އަކީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މޮޅު ތަރިއެކެވެ. އޭނާ މިހާތަނަށް ކުޅުނު ކޮންމެ ފިލްމަކުން ވެސް ފެނިގެން ގޮސްފައި ވަނީ ވަރަށް ތަފާތު ރޯލަކުންނެވެ. އަދި އެ ރޯލުތަކަކީ ގިނަ ބަޔަކަށް ކަމުދާ، ހަމައެހެންމެ ގިނަ ބަޔަކު ބަލައިގެންފައިވާ ރޯލުތަކެކެވެ.

"ކަޕޫރް އެންޑް ސަންސް"އަށް ފަހު ސިދާތުގެ ދެން އެންމެ އަވަހަށް ރިލީޒު ކުރަން ހަމަޖެހިފައިވާ ފިލްމު "ބާރް ބާރް ދޭކޯ"ގައި ވެސް އޭނާ ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. އެގޮތުން އެ ފިލްމުގައި އޭނާ އަދާ ކުރަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހެއްގެ ރޯލެވެ.

"ބާރް ބާރް ދޭކޯ" އާ ގުޅޭ ގޮތުން ނޫސްވެރިނާ ވާހަކަ ދައްކަމުން ވެސް ސިދާތު ވަނީ، އޭނާ އެ ފިލްމުގައި 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހެއްގެ ރޯލުން ފެނިގެންދާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް އެ ފިލްމަކީ ޓައިމް ޓްރެވަލް ފިލްމެއް ނުވަތަ ސައިންސް ފިކްޝަން ފިލްމެއް ނޫން ކަމަށް ސިދާތު ބުންޏެވެ.

"އެއީ ވަރަށް ތަފާތު ވާހަކައެއް. އެ ފިލްމުގައި ދައްކުވައިދޭނީ، މީހެއްގެ ދިރިއުޅުމުގެ 18 އަހަރާއި 60 އަހަރާ ދެމެދުގައި ހިނގާ ކަންތައްތަކެއް. އެހެންނަމަވެސް އެއީ ސައިންސް ފިކްޝަން ނުވަތަ ޓައިމް ޓްރެވަލް ފިލްމެއް ނޫން،" ސިދާތު ބުންޏެވެ.

ސިދާތު ބުނީ، އެ ފިލްމުގައި އޭނާގެ ސިފަ 60 އަހަރުގެ މީހެއްގެ ސިފައަށް ބަދަލުކޮށްފައިވާނެ ކަމަށާއި، އަދި އެއީ ކުޅެން ވަރަށް އުނދަނގޫ ރޯލެއް ކަމަށް ވެސް ސިދާތު ބުންޏެވެ.

ނިތުޔާ މެހްރާ ޑައިރެކްޓު ކުރާ އެ ފިލްމުގައި ސިދާތުއާ އެކު ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރުވެސް ފެނިގެންދާނެ އެވެ. އެ ފިލްމު ރިލީޒު ކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ސިދާތު ވަނީ މީގެ ކުރިން ވެސް މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ސްޓުޑެންޓު އޮފް ދަ އިޔާ، އެކް ވިލަން، ބްރަދާސް ގެ އިތުރުން ހަސީ ތޯ ޕަސީ ފާހަގަކޮށްލެވެ އެވެ.