ކޮންމެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމު ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެެވޯޑެކެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް"ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިފި އެވެ.

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ "ގެޓް ރެޑީ ފޮ ޕްލެއިން ޕެކެޖިން" އެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާ އިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި މުއައްސަސާތަކަށް ޑްބްލިއުއެޗްއޯގެ ފަރާތުން 1988 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.

ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.