އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިއަދު ކުރިއަށް ދިޔަ ބަހުސް ހޫނުވެ އެ ފައިސާ އެމްޑީޕީ މެމްބަރުންހިފި ކަމަށާއި، "އެ ފައިސާ ގޯނި ހިފައިގެން" ބަހަން ދިޔަ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަމިއްލައަށް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގަރާރަށް ބަހުސް ކުރަމުން އެމްޑީޕީ އަދި ޕީޕީއެމްގެ މެމްބަރުން ވަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

ބަހުސް ހޫނުވަމުން ދަނިކޮށް، ވާހަކަދައްކަވަން ލިބުނު ފުުރުސަތުގައި މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އެއްވެސް މެމްބަރަކީ އަނެއް މެމްބަރަކަށް ވަގަށް ގޮވަން "މާ ރީތި" މީހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މެމްބަރު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އެނގޭ ކަމަށާއި، "އެ ފައިސާ ގޯނި" ހިފައިގެން މެމްބަރުންގެ އަރިހަށް ވަޑައިގަތީ ވެސް އޭނާ ކަމަށެވެ.

"އެ ފައިސާ" އަކީ ކޮން ފައިސާއެއް ކަމެއް ސީދާ ވިދާޅުނުވި ނަމަވެސް، އެވަގުތު ބަހުސް ކުރެވެމުން ދިޔައީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެންނެވެ. އޭގެ އިތުރުން ފައިސާ ހިފައިގެން ދިޔައީ ޕީޕީއެމް ނުވަތަ އެމްޑީޕީ މެމްބަރުންގެ ގާތަށް ކަމެއް ވެސް ސީދާ ވިދާޅުވެފައެއް ނުވެ އެވެ.

"އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ، ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފި،" މެމްބަރު ވިދާޅުވި އެވެ.

އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާގެ އެންމެ ބޮޑު ބައެއް ނެގީ މެމްބަރު އަހްމަދު މަހްލޫފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީއާ ގުޅިގެން އޮޑިޓާ ޖެނަރަލް މި މަހުގެ ފަސް ވަނަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށެވެ.

މީގެ ކުރިން، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ވެސް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ގެއްލުނު ފައިސާ އަށް ވީގޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.