09 Mar 2016, 15:01
މިޒަމާނުގެ ގިނަ އަންހެނުން "ކާމިޔާބީ" މާނަ ކުރަނީ މިނިވަންކަމާއި އުފާވެރިކަމުގެ ގޮތުގައި ކަމަށް ޗައިނާގެ އިންޓަނެޓް ސާވޭއަކުން ދައްކައިފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޒައޮޕިން.ކޮމް އިން ހެދި ސާވޭއެއްގައި ބައިވެރިވި ފަރާތްތަކުން ކާމިޔާބީ މާނަކުރަން އެންމެ ބޮޑު ރޭޓިންއެއް ދީފައިވަނީ "ދިރިއުޅުމުގައި މިނިވަންކަމާއެކު ކަންތައްތައް ނިންމުމުގެ އިހުތިޔާރު" ލިބުމަށެވެ. އެއީ ސުމަކުން ފަހަކަށް ރޭޓުކުރާ ނަމަ 4.53ގެ ރޭޓިން އެވެ.
ދެވަނަ އެންމެ ގިނަ ބައިވެރިން ކާމިޔާބީ މާނަކޮށްފައި ވަނީ އުފާވެރިކަމުގެ ގޮތުގަ އެވެ. އަދި ތިން ވަނައަށް އެންމެ މަތީ ރޭޓިންއެއް ލިބުނީ "އަމިއްލައަށް ފުދިގެން ދިރިއުޅުމާއި އަމިއްލަ އާއިލާ ބެލެހެއްޓުމުގެ ގާބިލުކަން ހުރުމުގެ" އިތުރުން "އެހެންމީހުންގެ އިހުތިރާމް ލިބުމަ"ށެވެ.
އަދި ކާމިޔާބީ އަކީ ރަނގަޅު ފިރިހެނަކު ހޯދުމަށްފަހު ކައިވެނި ކުރުން ކަމަށް ރޭޓް ކޮށްފައި ވަނީ ވަރަށް މަދު ނިސްބަތެއްގެ ބައިވެރިންނެވެ.
މީގެ އިތުރުން، އެ ސާވޭއިން ދެއްކި ގޮތުގައި އަންހެނުން މަސައްކަތް ކުރާނެ ދާއިރާތައް ހިޔާރުކުރާއިރު އެންމެ ބޮޑަށް ބަލަނީ މަސައްކަތް ކުރަން ޖެހޭނެ މާހައުލަށާއި މުސާރަ އަށެވެ. އަދި މަސައްކަތް ކުރާއިރު މަސައްކަތާއި އެއްވަރަށް އަމިއްލަ ދިރިއުޅުމަށް އިސްކަންދެވެން ޖެހޭނެ ކަމަށްވެސް ބައިވެރިން ދެކެ އެވެ.
"އެންމެ ރަނގަޅު ހާލަތަކަށް ވާނީ، އަހަރެންގެ އާއިލާއާ ދުރުވާންނުޖެހި އަހަރެން ކުރާ މަސައްކަތް މީހުންނަށް ފާހަގަކުރެވި، މަސައްކަތުގެ ކުރިއެރުން ލިބި މުސާރަ ބޮޑުވުން،" ސާވޭގައި ބައިވެރިވި މާބަނޑު އަންހެނަކު ބުންޏެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 65.6 ޕަސެންޓް މީހުން ބުނި ގޮތުގައި އެމީހުން މަސައްކަތް ކުރާ ކުންފުނިތަކުން އަންހެން މުވައްޒަފުންނަށް އިނާޔާތްތައް ދީފައި ނުވެ އެވެ.
ކާމިޔާބީއާ ބެހޭގޮތުން ހިޔާލު ހޯދުމުގެ އިތުރުން، ސާވޭ އިން ވަނީ ދެޖިންސުގެ ތަފާތު ކުރުމާއި، ވަޒީފާ ދިނުމުގައި އާއިލާގެ މެމްބަރުންނަށް އިސްކަންދިނުމާ ބެހޭގޮތުން ބައިވެރިންގެ ހިޔާލު ހޯދާފަ އެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 56.7 ބައިވެރިން ވަނީ އެއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަންތައްތައް ނޫން ކަމަށް ބުނެފަ އެވެ. އެސާވޭގައި ފަނަރަހާހަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. (ޒިންހުއާ)