ހދ. އަތޮޅު ކައުންސިލުގެ މެމްބަރަކު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން ޖޫން މަހުގެ 11 ވަނަ ދުވަހު ބައި އިލެކްޝަނެއް ބާއްވާ ގޮތަށް ހަމަޖައްސައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިސްތިއުފާދެއްވައިފައި ވަނީ އެމްޑީޕީ ޓިކެޓުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންނެވި އަލީ ނިފާޒު މުހައްމަދެވެ. އޭނާ އިސްތިއުފާދެއްވައިފައި ވަނީ ސިއްހީ ހާލަތު ތަން ނުދޭތީ އާއި ބައެއް އަމިއްލަ ސަަބަބުތަކާ ހުރެ ކަމަށް ހދ. އަތޮޅު ކައުންސިލް އިދާރާ އިން ބުންޏެވެ.

މިއީ އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ކައުންސިލަރަކު އިސްތިއުފާދެއްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބ. ކަމަދޫ ރަށު ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ހޮވިވަޑައިގެންނެވި އެ ރަށު ރަތްވިލާގޭ އަހުމަދު ޝަފީގު ވެސް ވަނީ އިސްތިއުފާދެއްވައިފަ އެވެ.

އިލެކްޝަންސް އިން މިހާރު ގެންދަނީ އެ ދެ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް ކައުންސިލަރުން އިންތިހާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ކަމަދޫ ރަށު ކައުންސިލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މޭ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ހުޅުވަލައިފައިވާ އިރު، ހދ. އަތޮޅު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮތީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.