އޭއެފްސީ ކަޕްގައި އިއްޔެ ފިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުގައި އެ ޓީމް ބަލިވީ ޑިފެންސް ލައިނުން ހެނދުނު މިސްޓޭކެއްގެ ސަބަބުން ކަމަށް ނިއުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފި އެވެ.

ކަޔާ އެފްސީ އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ނިއު ބަލިވީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ކަޔާގެ ފޯވާޑް ޕޯޓޭރިއާ ކާމިޔާބުކުރި ގޯލާއެކު 1-0ގެ ނަތީޖާ އަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު ސްޓޮއިކޯފް ބުނީ މުޅި މެޗުގައި ނިއުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެއް ކަމަށާއި ވަރަށް ރަނގަޅަށް ޑިފެންސް ކުރިތަން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ކަޔާ އިން އެޓޭކިން ފުޓްބޯޅަ އެއް ކުޅޭނެ ކަމަށް ތައްޔާރު ވެގެން ހުރީ ވެސް. އެހެންވެ ރަނގަޅަށް ޑިފެންސްކޮށްފައި ލިބުނު ހުސް ފުރުސަތުގައި އެޓޭކް ވެސް ކުރި. ބައިކޮޅަށް ވަން ގޯލަކީ ޑިފެންސުން ހެނދުނު އެންމެ ގޯހަކުން ވަން ބޯޅައެއް،" ސްޓައިކޯފް ބުންޏެވެ.

ނިއު ހިމެނޭ ގުރޫޕްގައި އިއްޔެ ސިންގަޕޫރުގެ ބެލިސްޓާ އެފްސީ ކުޅުނު މެޗު 1-0ގެ ނަތީޖާ އަކުން ހޮންކޮންގެ ކީޗީ ގެ މައްޗަށް ކުރިހޯދައިގެން ޖުމްލަ 4 ޕޮއިންޓާއެކު ވަނީ ގުރޫޕް 'އީ'ގެ އެއް ވަނަ އަށް އަރާފަ އެވެ. ނިއުގެ މައްޗަށް ކުރި ހޯދި ކަޔާ އެފްސީން ލިބުނު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތްއިރު ނިއު އޮތީ އެއް ޕޮއިންޓާއި އެކު ފުލުގަ އެވެ.

އެ މުބާރާތުގައި ނިއު ކުޅޭ ދެ ވަނަ މެޗުގައި ކިޗީ އެފްސީއާ ވާދަކުރުމަށް މިހާރު އެޓީމް ވަނީ ހޮންކޮންގަށް ގޮސްފައެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.