10 Mar 2016, 09:32
އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަނަކީ ލޮލެވެ. ލޮލަކީ ފެނުމުގެ ހިއްސު ފުރިހަމަ ކޮށްދޭ މައި ގުނަވަނެވެ. ލޮލަށް ގެއްލުމެއް ވެއްޖެ ނަމަ، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމަކެވެ.
އެހެންކަމުން، ލޮލުގެ ދުޅަ ހެޔޮކަން ދަމަހައްޓަން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރަން ޖެހެ އެވެ. ލޮލަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުވެ، ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކާނާ ކާން އާދަ ކުރަން ޖެހެއެވެ. އެގޮތުން މި ލިޔުމުގައި، ލޮލުގެ ފެނުން ރަނގަޅު ކޮށްދީ، ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް ދޭ ބައެއް ކާނާތަކަށް ބަލާލާނަމެވެ.
ބްލެކު ކަރަންޓް

ލޮލުގެ ދުޅަ ހެޔޮކަމަށް ވަރަށް މުހިއްމު އެންޓިއޮކްސިޑެންޓެއް ކަމަށްވާ އެންތޯސިޔަނިސް ބްލެކު ކަރަންޓުގައި އެކުލެވެއެވެ. ހަމައެއާއެކު، ލޮލަށް ލިބޭ ގެއްލުންތަކުން ލޯ ރައްކާތެރި ކުރުމަށް އެހީތެރިވާ ފެޓީ އެސިޑުވެސް ބެލްކު ކަރެންޓުގައި އެކުލެވެއެވެ.
ބެރީސް އަދި ސިޓްރަސް މޭވާތައް

ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ ގުރޭޕް ފުރުޓާއި އޮރެންޖު ލުނބޯ އަދި ބެރީސް ފަދަ މޭވާ ތަކަކީވެސް ލޮލުގެ ފެނުން ބަލިކަށިވުމުން ރައްކާތެރިކޮށްދޭ މޭވާ ތަކެވެ.
އެހެންކަމުން، ތިބާ އުމުރުން ދުވަސްވާ ވަރަކަށް އެފަދަ މޭވާ ބޭނުން ކުރުން ގިނަ ކުރާށެވެ. ސަބަބަކީ އުމުރުން ދުވަސްވުމަކީ ލޮލުގެ ފެނުން ބަލިކަށި ކޮށްދޭ ކަމަކަށް ވާތީ އެވެ.
ބިހުގެ ގޮބޮޅި ނުވަތަ ރީނދޫބައި

ބިހުގެ ރީނދޫ ބައިގައި 0.25 މިލި ގުރާމް ޒީޒަންތިން އާއި ލުޓެއިން އެކުލެވެއެވެ. އެ ދެ މާއްދާއަކީ ލޮލުގެ ފެނުމުގެ ސާފުކަން އިތުރުކޮށްދޭ ދެ މާއްދާއެކެވެ.
މަސް

މަހުގައި އޮމެގާ-3 ފެޓީ އެސިޑު ގިނަ އަދަދަކަށް އެކުލެވެއެވެ. އެހެންކަމުން މަސް ކެއުމުން ލޯ ހިކުމުންނާއި ހަލާކުވުމުން ދުރުކޮށްދޭނެ އެވެ. ހަމައެހެންމެ، ލޮލުގެ ސާފުކަން ވެސް އިތުރުކޮށްދޭނެ އެވެ. އެހެންކަމުން، އޮމެގާ-3 ފެޓީ އެސިޑު އެކުލެވޭ މަސްތައް ކަމަށްވާ، ސާޑިން، މެކެރަލް، ސެލްމަން އަދި ކަނޑުމަސް ގިނަ އަދަދަކަށް ބޭނުން ކުރާށެވެ.
ފެހި ކުލަ ގަދަ ކާނާ

ފެހި ކުލަ ގަދަ ކާނާ ތައް ކަމަށްވާ، އެވޮކާޑޯ، ބްރޮކޮލީ، ޕިއާސް، ކޭލް ފަދަ ކާނާ ތަކަކީ އޭގައި ލުޓެއިން އާއި ޒީޒަންތިން މާއްދާ ގިނަ އަދަދަކަށް އެކުލެވޭ ކާނާތަކެވެ. އެއީވެސް ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ކާނާތަކެވެ.
ސަންފުލާވާ އޮށް

ސަންފްލާވާ މަލުގެ އޮށުގައި ގިނަ އަދަދަކަށް ޒިންކާއި ވިޓަމިން އީ އެކުލެވެއެވެ. އެދެމާއްދާ އަކީ ތަފާތު ބަލިތަކުން ލޯ ރައްކާތެރިކޮށްދޭ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާތެކެވެ.
މައުލޫމާތު:1މިލިއަން ހެލްތު ޓިޕްސް