ވޮޝިންޓަން (މާޗް 9): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓްކަމަށް ވާދަކުރައްވަމުން ގެންދަވާ ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް މިސިސިޕީއާއި މިޝިގަން ސްޓޭޓްގެ ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވައިފި އެވެ.

މިސިސިޕީއާއި މިޝިގަންގައި އޮތް ރިޕަބްލިކަން ޕްރައިމަރީތަކުން ދެވަނަ ހޯއްދެވީ ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒް އެވެ. ކްރޫޒް ވަނީ އައިޑަހޯގައި އޮތް ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.

ޓްރަމްޕައަށް ދެ ސްޓޭޓުން ކާމިޔާބު ލިބިލެއްވީ ރިޕަބްލިކަން ޕާޓީގެ ގިނަ ފަރާތްތަކުން ޓްރަމްޕަށް ފާޑު ވިދާޅުވެ އޭނާއާ ދެކޮޅަށް ތެދުވެފައި ވަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕާ ދެކޮޅަށް އަގުބޮޑު އިޝްތިހާރުތައް ވެސް ހަދާފަ އެވެ.

"ތިރީސް އަށް މިލިއަން ޑޮލަރުގެ އަގުހުރި ދޮގުތައް. އާއްމުންނަށް އެއީ ދޮގުކަން އެނގޭ، އޭގެއިން އެނގިގެންދަނީ އާއްމުންގެ މޮޅުކަން،" ޓްރަމްޕްގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މިސިސިޕީގައި ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެ ގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެވެ. އަދި މިޝިގަން އިން ކުރި ހޯއްދެވީ ވާމަންޓްގެ ސެނެޓާ، ބާނީ ސޭންޑާސް އެވެ.

ޓްރަމްޕް ކާމިޔާބުު ކުރައްވާފައިވާ ސްޓޭޓް ޕްރައިމަރީތަކުގެ އަދަދު މިހާރު 14 އަށް އަރަ އެވެ. (ބީބީސީ)