އިސްލާމިކް ޔުނިވާސިޓީގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންނާއި ދައުވާ ލިބޭ މީހުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފައެވެ.

އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީ ވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު ދައުވާ ލިބޭ އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

ހާދިސާ ހިނގިތަނަކީ އަނދިރިކޮށް އޮތްތަނެއް ކަމުގައިވާއިރު އެތަނުގައި ހިނގިކަންތައް ހެކީންނަށް އެނގުނު ގޮތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ ދައުލަތުން ހުށަހެޅި ވީޑިއޯގެ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި މީހާ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭތީ އޭނާ ހާޒިރުނުކޮށެވެ.

އަރުހަމް މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މައްސަލަ ކުރިން ބެއްލެވީ ގާޒީ މުހުތާޒު ފަހުމީއެވެ. ނަމަވެސް ފަނޑިޔާރު ބަދަލުކޮށްދިނުމަށް ދައުވާ ލިބޭ އާތިފް ރަޝީދުގެ އާއިލާއިން ހުށަހެޅުމުން ދެން އެ މައްސަލަ ހަވާލުކުރީ ގާޒީ އަބްދުﷲ ދީދީއާ އެވެ. އޭގެފަހުން އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރެއްވުމުން ދެން އެ މައްސަލަ ހަވާލު ކުރީ ގާޒީ އިބްރާހީމް އަލީއާ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މައްސަލަ ދިރާސާ ކުރުމަށްފަހު ހުކުމް އިއްވާނެ ދުވަހެއް ކަނޑައަޅާނެ ކަމަށެވެ.