ޖަކާޓާ (މާޗް 9): އިންޑޮނޭޝިއާގެ ގިނަ ރައްޔިތުންނާއި އިރުކޭތަ ބަލަން އެހެން ގައުމުތަކުން އެ ގައުމަށް ޒިޔާރަތް ކުރި ބައެއް ރައްޔިތުންނަށް އުޑުމަތި ބަނަވުމުގެ ސަބަބުން އިރުކޭތަ އެއްވެސް ވަރަކަށް ނުފެނުނެވެ.

ފުރިހަމަ އިރުކޭތައެއް ފެންނަން އޮތް އިންޑޮނޭޝީއާގެ ސުމަތްރާގެ ޕަލެމްބަންގްގައި އިރުކޭތަ ބަލަން އެއްވެފައި ތިބި އެތައް ހާސް މީހުންނަށް އެ މަންޒަރު ނުފެނުނީ ޖައްވު ނުސާފުވުމުގެ ސަބަބުންނާއި އުޑުމަތި ބަނަވުމުގެ ސަބަބުންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އުޑުމަތި ބަނަ ނުވާ ނަމަ އިންޑޮނޭޝިއާގެ 34 ޕްރޮވިންސުގެ ތެރެއިން 12 ޕްރޮވިންސަށް އިރުކޭތަ ފެންނާނެ އެވެ.

އެއާ ހިލާފަށް، ވެރިރަށް ޖަކާޓާ ފަދަ އިރުކޭތަ ފެނުނު ސަރަހައްދުތަކުގެ ރައްޔިތުން ވަނީ އުފާފާޅުކޮށްފަ އެވެ. ޖަކާޓާގަައި އިރުކޭތަ ބެލުމަށް އޮފިޝަލުން ވަނީ 4،000 ވުރެ ގިނަ އިރުކޭތަ ބަލާ އައިނު ބަހައިފަ އެވެ.

"މިއީ އަހަރުމެންނަށް އިރުކޭތަ ފެންނަ ފުރަތަމަ ފަހަރު ކަމުން މިތިބީ ވަރަށް ބަލާ ހިތުން،" ޖަކާޓާގެ ރައްޔިތަކު ބުންޏެވެ.

އިންޑޮނޭޝިއާ އަށް އެންމެ ފަހުން އިރުކޭތައެއް ފެނުނީ 1983 ވަނަ އަހަރު އެވެ. އަދި މީޓީއޮރޮލޮޖިކަލް އޭޖެންސީން ބުނާ ގޮތުގައި އެގައުމަށް ދެން އިރުކޭތައެއް ފެންނާނީ 33 އަހަރު ފަހުންނެވެ. ނާސާއިން ބުނާ ގޮތުގައި ދުނިޔެ އިން އެންމެ އަވަހަށް އިރުކޭތަ އެއް ދެން ފެންނާނީ އެމެރިކާ އަށް 2017 ވަނަ އަހަރު އެވެ. (ރޮއިޓާސް)