09 Mar 2016, 11:39
އިނގިރޭސި އެފްއޭ ކަޕްގައި ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއަކުން ހަލްސިޓީ ބަލިކޮށް އާސެނަލް އެމުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.
ހަލްސިޓީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި އާސެނަލްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާ އިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 41 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. އެ ލަނޑަށް ފަހު ވެސް އާސެނަލް އިން ދިޔައީ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ.
އާސެނަލްގެ ދެވަނަ ގޯލް މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ޖިރޫއެވެ. އަދި އޭގެ ފަސް މިނެޓްފަހުން، ތިއޯ ވޮލްކޮޓް އާސެނަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ގޯލް މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ވެސް ވޮލްކޮޓްއެވެ.
އެ މެޗުން އާސެނަލް މޮޅުވިއިރު، އެޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކަށް އެ މެޗުގައި ވަނީ އަނިޔާވެފައެވެ. އެއީ ގެބްރިއަލް އާއި މާޓަސޭކާ އަދި އެޓީމުގެ މިޑްފިލްޑަރު އާރަން ރަމްސީއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ދެ ޑިފެންޑަރުންނަށް އަނިޔާވެފައި ވަނިކޮށް ރަމްސޭ އަަށް ވެސް އަނިޔާވުމުން އެކަމާ ކަންބޮޑުވާ ކަމަށާއި ރަމްސޭއަށް ލިބުނު އަނިޔާ ބޮޑު ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރޭގެ އެ މެޗުގެ ނަތީޖާއާއެކު އާސެނަލް ވަނީ މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ކުއާޓާ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު އާސެނަލް ނިކުންނާނީ އަމިއްލަ ދަނޑުގައި ވޮޓްފޯޑްއާ ދެކޮޅަށެވެ.