26 Apr 2011, 13:16
ހައުސިން މިނިސްޓްރީގެ ބެލުމުގައި ދަށުން ހިނގަމުން އައި ދަރުބާރުގެ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮތަކަށް ނިންމައި ހައުސިން މިނިސްޓްރީ އަށް އެކަން އަންގައިފި އެވެ.
ދި ޓީވީން ދަރުބާރުގެ ކުއްޔަށް ހިފާފައިވަނިކޮށް ހައުސިން މިނިސްޓްރީގެ އިސް ބައެއް ވެރިންގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީ އަށް އެތަން ކުއްޔަށް ދިން މައްސަލައެއް ފެންމަތިވެފައިވަނިކޮށް، ސަރުކާރުން ނިންމި ނިންމުމާގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ރައީސްގެ އެންގެވުމުގެ މަތިން ދަރުބާރުގެ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ދަރުބާރުގެ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ.
"ރައީސް ދާދިފަހުން ނިންމަވާފައި ވަނީ ބިންބިމާ ބެހޭ ގާނޫނަށް އައި ބަދަލާ ގުޅިގެން މާލޭގައި ހުރި ބިންތައް މާލޭ ސިޓީ ކައުންސިލާ ހަވާލުރުރުމަށް. އެގޮތުގެ މަތިން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ދަރުބާރުގެ ވެސް ހަވާލުކުރަން އެފަރާތާ. މިހާރު މިކުރަނީ އިންވެންޓްރީ ނެގުމާއި އަދިވެސް ހަވާލުކުރަން ކުރަން ކުރަން ޖެހޭ އެހެން ކަންތައްތައް ނިންމުމުގެ މަސައްކަތް،" އަކުރަމް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ އަދި މާލޭގެ މޭޔަރު ސަރަގު އާދަމް މަނިކު އިއްޔެ ރޭ ވިދާޅުވީ ސަރުކާރު ތެރޭގައި ކޮރަޕްޓް ބައެއް ވެރިން ތިބި ކަމަށާއި އެ ބައެއްގެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"މިއަދު އަޅުގަނޑާ ހަވާލުކުރައްވައިފި މާލޭގައި ހައުސިން މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ ބިންތަކެއް. ދެން މިއީ އަރަތެއް ނޫންތޯ. ދެން އަޅުގަނޑު ވެސް ދެންނެވިން މާތް ކަލާކޯއޭ ބޮޑެތި މިނިސްޓަރުކަން ދެއްވާފައި މި ތިއްބަވަނީއޭ. ދެން (ރައީސް) ވިދާޅުވީ މާ ގިނަ ވާހަކަ ނުދައްކައި މިކަންކަމާ ހަވާލުވެގެން ކުރިއަށް ގެންދާށޭ. އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު މިކިޔާ އެއްޗެއް ތަފްސީލުކޮށް އެބަ އެނގިވަޑައިގަންނަވާހެން،" ހައުސިން މިނިސްޓްރީ އަށް ނިސްބަތްވާ ގޮތަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ސަރަގު އާދަމް މަނިކުވިދާޅުވި އެވެ.
ދަރުބާރުގެ މާލޭ ސީޓީ ކައުންސިލާ ހަވާލުކުރަން ނިންމާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ބަހުސެއް ބޭއްވުމަށް ދި ޓީވީން ދަރުބާރުގެ ކުއްޔަށް ހިފާފައިވަނިކޮށް އަކުރަމް ކަމާލުއްދީނާއި އަދި ހައުސިން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު ސަލީމްގެ ހިއްސާ އޮންނަ ޓީވީ އިން އިންތިޒާމްކުރާ އެފަދަ ބަހުސެއް ބޭއްވުމަށް އެ ޓީވީ އަށް އެތަން ދިން ކަމަށް ބުނެ އޭސީސީ އަށް މައްސަލައެއް ވެސް ވައްދާފައި ވަނިކޮށެވެ.
ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ހައުސިން މިނިސްޓްރީ އަށް ސަރަގު ދިއްކުރި އިރު ސަރަގު އާދަމް މަނިކު ތާއީދާ އެކު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވަނީ ރާއްޖެ ޓީވީން އިންތިޒާމް ކުރި އެ ބަހުސް ބޮއެކޮޓް ކުރައްވައިފަ އެވެ.